އޮފީހުގައި އިންދައި ނުދަންނަ ނަންބަރަކުން ގުޅިމާ ނެގީމެވެ. އެއީ އަންހެނެކެވެ. އަޑު ވަރަށް ރީއްޗެވެ. އެހެންވެ ވާހަކަދައްކާހިތްވެ ވާހަކަ ދެއްކީމެވެ. 2،3 ދުވަހު ވާހަކަ ދެއްކުނުތަނާ އޭނާގެ މިސްރާބް ބަދަލުވާން ފަށައިފިއެވެ. އަނބިމީހާ އަހުރެންނާއި އޮންނަ ގުޅުން ކުޑަކަމުގެ ވާހަކަތައް ދައްކަން ފަށައިފިއެވެ. ދެމަފިރިންގެ ދެމެދުގައި ޖެހޭ ބައެއް މައްސަލަތަކުގެ ވާހަކަވެސް ދައްކަންފަށައިފިއެވެ.
ދެން ަދއްކަންފެށީ އަހުރެންނާއި ގުޅުމުގެ ވާހަކައެވެ. އަހުރެންދެކެ ވަރަށް ލޯބިވާ ވާހަކައެވެ. އެހިސާބުން ބޮޑު ގޯހެއް ހިނގައިފިކަން ވިސްނިއްޖެއެވެ. އެހެންވެ އެކަންކަން އެނގުނު ގޮތަކާއިބެހޭގޮތުން ސުވާލުކުރީމާ ފުރަތަމަ އުޅުނީ ނުބުނާށެވެ. ނަމަވެސް ޗިސްނުމުގެ ބޭނުންކޮށް ކުރި ސުވާލުތަކުން އެނގުނީ އެކަންކަން އެނގުނީ އަނބިމީހާގެ އެންމެ ގާތް އެކުވެރިޔާގެ ކިބައިން ކަމަށެވެ.
އެހިށާބަކުންވެސް އަނބިމީހާއަށް އެއްވެސް ކަމެއް ޙިއްޞާއެއް ނުކުރަމެވެ. އަނބިމީހާގެ ކިބައިން އެދުނީ އެކުވެރިޔާއަށް ދަޢުވަތުދީގެން ކެއުމަކަށް ގެއަށް ގެނައުމަށެވެ. އަދި ދަޢުވަތުދެނީ އަހުރެން ބުނެގެންކަން ނުއެންގުމަށެވެ.
ކާންތިބެގެން އަހުރެން ފުރަތަމަ ސުވާލުކުރީ ޞޯބިރާ ދަންނަމުތޯއެވެ. ދަންނަ ކަމަށްބުނުމުން އަހުރެމެން ދެމަފިރިންގެ ވާހަކަތައް އޭނާއަށް ޙިއްޞާކުރީ ކީއްކުރަންތޯ ސުވާލުކުރީމާ ބުނީ ޙިއްޞާނުކުރާ ކަމަށާއި އަނބިމީހާއާއި ފޯނުން ދެއްކި ވާހަކައެއް އަޑުއިވިފައި އޮވެދާނެ ކަމަށެވެ.
އަހުރެން ބުނީމެވެ. "ތިއަ ހަދަނީ ބޮޑު ދޮގެކެވެ. އަނބިމީހާއާއި ތިބާއާއި ދެމީހުން އެންމެ ކޯލެއްގައި ދެއްކި ވާހަކައަކުން މާކުރީގެ ކަންކަން އޭނާއަށް އެނގޭނެ ކަމަށް ޤަބޫލުނުކުރެވޭ ކަމަށެވެ." އިތުރު އެއްވެސް ވާހަކައެއް ނުބުނަމެވެ.
ކައިނިމިގެން އެކުވެރިޔާ ދިއައިމަ އަނބިމީހާގެ ގާތުގައި ކަންކަން ހިނގައިގެން އުޅޭގޮތުގެ ވާހަކަތައް ކިޔައިދިނީމާ އަނބިމީހާ ދިއައީ ފުންމައިގެންނެވެ. ބުނީ އެކުވެރިޔާއަށް ދަތިވެގެން އެކިފަހަރުމަތިން ލޯނުދެމުންގޮސް މިހާރުވެސް ބައިލައްކަ ރުފިޔާ ދެވިފައިވާކަމަށާއި ދޭ އެއްވެސް ފައިސާއެއް އަނބުރާ ނުލިބޭއިރުވެސް ދަތިވެެގން ބުނީމާ އެކުވެރިކަމަށްޓަކައި ދެވެނީ ކަމަށެވެ. ދިހަ ހާސްރުފިޔާ ދިންތާ އަދި ވާނީ ދެހަފްތާ ކަމަށެވެ. އޭނާ އިންދައި ތިއަވާހަކަ ބުނިނަމަ ކަރުގަހިފުނީސްކަމަށެވެ.
އަހުރެން ބުނީމެވެ. "ކަރުގަ ހިފުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ދެންވެސް ދެމަފިރިންގެ މެދުގައި ޖެހޭ ކަންކަމުގެ ވާހަކަ އެކަކާއިވެސް ޙިއްޞާނުކޮށްބަލާށެވެ. އަހުރެމެންގެ މެދަކު އަމިއްލައަށް ޙައްލުނުކުރެވޭވަރުގެ ކަމެއް ނެތެއް ނޫން ހެއްޔެވެ؟ ކައިވެނި ދެމެހެއްޓޭނީ ދެމެދަށް ވަނުމުގެ ފުރުޞަތު ލިބޭނެ ކަންކަން ނުކުރީމައެވެ. އިތުބާރުކުރެވޭނެ އެކަކުވެސް ނެތްކަން މިހާރު ވިސްނިއްޖެ ނޫންހެއްޔެވެ؟"
އަނބިމީހާ ވަރަށް ދެރަވެފައި ދެން އެބާވަތުގެ އެއްވެސް ވާހަކައެއް އެކެއްގެ ގާތުގައިވެސް ނުދައްކާނެ ކަމަށް ބުންޏެވެ.
ދެމްފިރިންގެ މެދުގައި ޖެހޭ ކަންކަން އެންމެ ގާތް މީހުންނަށްވެސް ޙިއްޞާނުކުރާށެވެ. ދެމަފިރިންގެ މެދުގައި މަޝްވަރާކޮށްގެން ޙައްލުކުރަން މަސައްކަތްކުރާށެވެ. ގިނަ ފިރިންނަކީވެސް އަދި އަނބިންނަކީވެސް މިފިރިމީހާ ފަދަ ހަރުދަނާ މީހުންނަށްވާނެކަމަށް ހީވެސް ނުކުރާށެވެ!
- މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ