ދިރާގު ކަސްޓަމަރުންނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަދި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅޭ ގޮތް އެ ކުންފުނިން މިއަދު ހަމަޖައްސައިދީފިއެވެ.
މި ހިދުމަތަކީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހާދިސާތަކާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކާއި ލޯބިވާ ފަރާތްތަކުގެ ހާލުބެލުމަށާއި، މެދުކެނޑުމެއްނެތި މުއާސަލާތު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ތައާރަފުކުރި ހިދުމަތެކެވެ.
ދިރާގުން ވިދާޅުވި ގޮތުގައި، މި ހިދުމަތުގެ ދަށުން ޔޫ.އޭ.އީ އަދި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅުމަށް ޖުމްލަ 30 މިނިޓު ކޮންމެ ކަސްޓަމަރަކަށްވެސް ލިބިގެންދާނެއެވެ. މި ހިލޭ މިނިޓުތައް ބޭނުންކުރުމަށްޓަކައި #225* އަށް ޑައިލްކޮށްގެން އެކްޓިވޭޓް ކުރެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މި ހިލޭ މިނިޓުތައް އެކްޓިވޭޓް ކުރުމުގެ ފުރުސަތު 2 މާރިޗު 2026 ގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު، އެކްޓިވޭޓް ކުރާ ވަގުތުން ފެށިގެން 7 ދުވަހުގެ މުއްދަތަކަށް މި މިނިޓުތައް ބޭނުންކުރެވޭނެއެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް އާއިލާއާއި ލޯބިވާ ފަރާތްތަކާ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމަށެވެ.