ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓްގެ ތެރެއިން މިހާތަނަށް 3850 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ. މީގެ ތެރެއިން 3647 މީހުންނާ މިހާރު ވަނީ ފުލެޓުގެ ތަޅުދަނޑި ހަވާލުކޮށްފައެވެ.
އެފްޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި، ބައެއް ޔުނިޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވެސް އެކި ސަބަބުތަކާހުރެ ތަޅުދަނޑިއާ ހަވާލުވާން ނާދެވި ތިބި ފަރާތްތަކެއް އެބަތިއްބެވެ. އޭގެ ތެރޭގައި ރާއްޖޭގައި ނެތުމާއި، ދިމާވި އެކި ޙާލަތްތަކުގެ ސަބަބުން ތަޅުދަނޑިއާ ހަވާލުނުވެވުނު ފަރާތްތައް ހިމެނޭ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.
މީގެ އިތުރުން، ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ އެންގެވުމަށް ބައެއް ޔުނިޓްތަކުގެ މަސައްކަތް ވަނީ މަޑުޖައްސާލާފައެވެ. އެއީ ފްލެޓު ހޯދުމަށް ހުށަހަޅާފައިވާ ލިޔެކިޔުންތައް އިތުރަށް ވެރިފައި ކުރަންޖެހޭތީ ވުޒާރާގެ ފަރާތުން ފްލެޓު އެލޮކޭޓްކޮށްދީފައިނުވާ 112 ފްލެޓެއްގެ މައްސަލައެވެ.
އެފްޑީސީން ވިދާޅުވީ އާއްމު އުސޫލުން ހުރިހާ ފްލެޓްތަކުގެ ވެރިންނާ މިހާރު ވަނީ ތަޅުދަނޑި ހަވާލުކޮށް ނިންމާފައި ކަމަށެވެ. އަދި މިހާރުވެސް ގިނަ ޢަދަދެއްގެ އާއިލާތަކުން އެ ފްލެޓްތަކަށް ބަދަލުވެ، ދިރިއުޅެން ފަށާފައިވާކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.