ވޯޓާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުން: ޕީއެންސީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ވޯޓާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުން: ޕީއެންސީ

ވޯޓާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕީއެންސީގެ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން މެނޭޖަރ އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ. މިކަމާ ގުޅިގެން އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަލާޙް ވަނީ އިދިކޮޅު ފަރާތްތަކުގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޕީޖީ ލީޑަރު ފަލާޙް ވިދާޅުވީ، މި ވޯޓާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މިހާރު ދެކޮޅު ހަދަމުން ދިޔަ ނަމަވެސް، މިއީ މީގެ ކުރިން އެ ހުރިހާ ފަރާތްތަކަކުން ވެސް ތާއީދުކޮށްފައިވާ ކަމެއް ކަމަށެވެ. "މިމައްސަލައަކީ އަޅުގަނޑުމެން ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ކުރީގެ ހުރިހާ ސިޔާސީ ޕާޓީއެއްވެސް، ހުރިހާ ވެރިންވެސް ވަރަށް ބޮޑަށް އިއްތިފާޤު ވެފައި އޮތް މައްސަލައެއް މިއީ،" ފަލާޙް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މިއީ ރިޔާސީ ދައުރު ދަންމާލުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކުރަމުންދާ ދިއުމަށް ރައްދު ދެއްވަމުން ފަލާޙް ވިދާޅުވީ، ޚިޔާލު ހޯދުމުގެ ވޯޓާއި ދައުރު ދަންމާލުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި މިއީ ރައްޔިތުން ގާތަށް ދާންޖެހޭ މިންވަރު މަދުކޮށް އިންތިޚާބުތައް މަދުކުރުމަށް ކުރާ ކަމެއް ކަމަށް ބުނެ ދައްކާ ވާހަކަތައް ވެސް ޕީއެންސީން ވަނީ ދޮގުކޮށްފައެވެ.

ފަލާޙް އިތުރަށް ވިދާޅުވީ، ދައުރެއްގެ ތެރޭގައި ސަރުކާރަކާ މެދު ރައްޔިތުން ދެކޭ ގޮތް އިންތިޚާބުތަކުން އެނގިގެންދާ ކަމަށެވެ. ބޮޑު ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވި ކަމުގައި ވިޔަސް، ރައްޔިތުންނަށް ވެރިކަމާ މެދު ދެކޭ ގޮތް ހާމަކުރުމަށް ދައުރުގެ މެދުތެރެއިން އިތުރު ފުރުސަތެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީން ވަނީ އިދިކޮޅު ފަރާތްތަކުން ހަގީގަތް އޮޅުވާލުމަށް ކުރާ މަސައްކަތްތަކަށް ސަމާލުވުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން