އެފްއޭއެމްގެ ހިޔާނާތުގެ ތަހުގީގަށް ހޯދަމުންދިޔަ އަގީލް ރާއްޖެ ގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
އެފްއޭއެމްގެ ހިޔާނާތުގެ ތަހުގީގަށް ހޯދަމުންދިޔަ އަގީލް ރާއްޖެ ގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ވެރިން ހިންގި ބޮޑު ހިޔާނާތުގެ މައްސަލައިގައި ތަހުގީގަށް ހޯދަމުންދިޔަ އެ އިދާރާގެ އެކައުންޓްސް ޑިޕާޓްމެންޓްގެ ކުރީގެ ހެޑް މުޙައްމަދު އަގީލް ރާއްޖެ ގެނެސް، ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، ފިލައިގެން ތައިލޭންޑުގައި އުޅެނިކޮށް އަގީލް ރާއްޖެ ގެނެސްފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 22 ފެބުރުއަރީގައި ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އަގީލަކީ ފީފާއިން އެފްއޭއެމަށް ފޮނުވި 1.2 މިލިއަން ޑޮލަރަށް އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ހިޔާނަތްތެރިވި މައްސަލައިގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ. ޕީޖީ އޮފީހުން ވިދާޅުވި ގޮތުގައި އަގީލްގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރ ކުރުމަށް އެހީތެރިވެދިނުމުގެ ދައުވާ އެވެ. މި ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ 19 ޖެނުއަރީ 2025 ގައެވެ.

އަގީލް ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅުމުގެ ސަބަބުން، ކޯޓަށް ހާޒިރުކުރަން ކުރި މަސައްކަތްތައް މީގެ ކުރިން ވަނީ ނާކާމިޔާބުވެފައެވެ. އޭނާ ހޯދުމަށް ފުލުހުން ފޮޓޯ އާންމުކޮށް އިއުލާނުކޮށްފައިވާއިރު، އޭނާ އަތުލައިގަނެވުނީ ތައިލޭންޑް ފުލުހުންގެ އެހީތެރިކަމާއެކުގައެވެ. އަގީލް ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން ބައްސާމްގެ މައްޗަށް ކުރާ ދައުވާތަކުގެ ބައެއް އަޑުއެހުންތައް މީގެ ކުރިން ކެންސަލް ކުރަން ޖެހުނުކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން