ސަރުކާރުގެ "ބިންވެރިޔާ" ސްކީމުން ގޯތި ލިބިފައިނުވާ ބަޔަކަށް ގޯތި ލިބިފައިވާކަމަށް ދައްކައި، ޞައްޙަނޫން ލިޔެކިޔުންތަކެއް އުފައްދައިގެން ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހުށަހެޅި މައްސަލާގައި ބައެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ކޯޓަށް ފޮނުވައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލާގައި ޞައްޙަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ދެ މީހެއްގެ މައްޗަށެވެ. އެއީ ގ. ޕޫލްބަހާރުއާގެ، އަޙްމަދު ޢަތީޤް ޢަބްދުﷲ އާއި ނ. ވެލިދޫ، ޑޭޒީމާގެ އަޙްމަދު މާޒިން އެވެ. މި ދެ މީހުންނަކީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅީފަޅުން ބިން ދޫކުރުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލި ދުވަސްވަރު، އާންމުން ހުށަހެޅި ފޯމުތަކުގެ މަސައްކަތުގައި އުޅުނު ދެ މީހުންނެވެ. އެމީހުންގެ މައްޗަށް ދައުވާކުރަނީ ބިމުގެ ހައްޤުވެރިކަން އެނގޭނޭ ސައްހަނޫން ރަޖިސްޓްރީ އާއި އެއްބަސްވުންތަކެއް އުފައްދާފައިވާތީއެވެ.
މީގެ އިތުރުން، ޞައްޙަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ މ. ފަޅުމަތީގެ، އަރުޝަދު ޢަލީގެ މައްޗަށް ވަނީ އުފުލާފައެވެ. އަދި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އިތުރު ނުވަ މީހެއްގެ މައްޗަށް ވަނީ އުފުލާފައެވެ.
އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ: މަރްޔަމް ސާޢީ (ސ. ހިތަދޫ)، މުޙައްމަދު ފަޟީލް ރަޝީދު (މ. ޒޭވަރު)، އީމާ ވަހީދު (ޏ. ފުވައްމުލައް)، ޢާއިޝަތު މަޢުރޫފާ (ދަފްތަރު)، މުޙައްމަދު އާދަމް (ހުޅުމާލެ)، ޢަބްދުލްމަޖީދު މާހިރު (ހއ. ދިއްދޫ)، ޙުސައިން ޒާހިރު ޒައިނު (މ. ވެސްޓްކޯސްޓް)، އަޝްހަދު ޢަލީ (މ. ފަޅުމަތީގެ) އަދި އަޙްމަދު ޢަލީ (މ. ފަޅުމަތީގެ) އެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ ބިންވެރިޔާ ސްކީމާ ގުޅޭ މި މައްސަލާގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭތީ، އެ ބައިތައް ވަކި މައްސަލައެއްގެ ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ ތަހުގީގު ނިމުމުން އެ ބައިތަކުގައި ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.