މެދުއިރުމަތީގެ މަގުން ރާއްޖެއަށް ދަތުރުކުރާ ފްލައިޓުތަކަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އެ ސަރަހައްދަށް ޓްރާންސިޓް ނުވާ ފްލައިޓުތަކުގެ އަދަދު އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ޠާރިޤު ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ކަންކަމުގެ އަސަރު ސީދާ ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ ކަމަށެވެ. މީގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބަދަލު އައުމުގެ ފުރުސަތު އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ނިމިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވަރޭޖްކޮށް 8،800 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 35 އިންސައްތަ ފަތުރުވެރިންނަކީ މެދުއިރުމަތީގެ އެކި އެއާލައިންތަކުން ނުވަތަ އެ ސަރަހައްދު މެދުވެރިކޮށް ރާއްޖެއަށް ދަތުރުކުރި ފަތުރުވެރިންނެވެ.
"އެހެންވީމަ 8800 ފަތުރުވެރިންގެ ތެރެއިން އަޅުގަނޑުމެން ހިސާބުތައް ބަލާލިއިރު ގާތްގަނޑަކަށް 30 އިންސައްތައާއި 35 އިންސައްތައާއި ދޭތެރޭ ފަތުރުވެރިން އައިސްފައިވަނީ މެދުއިރުމަތީގެ ފްލައިޓުތަކުން. އަޅުގަނޑުމެންގެ އުއްމީދަކީ މިކަން އަވަހަށް ހައްލުވުން. މެދު އިރުމަތިން އަންނަ ފަތުރުވެރިން މަދުވެގެން ދާނެ މިކަމުގެ ސަބަބުން، ރާއްޖެ އަންނަ މީހުން ދެން ބަލާނީ އެހެން ރޫޓަކުން އާދެވޭތޯ." ވަޒީރު ޠާރިޤު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ މެދުއިރުމަތީގެ މަގުން ނޫން ގޮތްގޮތަށް ރާއްޖެއަށް ސީދާ ދަތުރުތައް ކުރާ އެއާލައިންތައް އިތުރުކޮށް، ފަތުރުވެރިކަމަށް އަތުވެދާނެ ލޮޅުންތަކުން ސަލާމަތްވުމެވެ. މިކަމަށްޓަކައި އެކި އެއާލައިންތަކާއެކު މަޝްވަރާތައް ކުރިއަށްދާނެ ކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.