މިއަހަރު މިހާތަނަށް 459،262 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
މިއަހަރު މިހާތަނަށް 459،262 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އައު ރެކޯޑުތަކެއް ގާއިމުކުރަމުންދާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 459,262 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ފެބްރުއަރީ މަހު 14 ވަނަ ދުވަހަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ދުވަހެކެވެ. އެ ދުވަހު އެކަނިވެސް ރާއްޖެއަށް 11,136 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، 17 ނޮވެމްބަރު 2023 އިން ފެށިގެން މިހާތަނަށް ޖުމްލަ 7,195 އެނދު ވަނީ އަލަށް ރަޖިސްޓްރީކޮށްފައެވެ. މީގެ ތެރޭގައި ރިސޯޓުތަކުން 45,877 އެނދު (10,554 އެނދު އަލަށް)، ގެސްޓްހައުސްތަކުން 16,297 އެނދު، ލިވަބޯޑުތަކުން 3,472 އެނދު (503 އެނދު އަލަށް)، ހޮޓާތަކުން 2,598 އެނދު (708 އެނދު އަލަށް) އަދި ހޯމްސްޓޭގެ ގޮތުގައި 368 އެނދު ހިމެނެއެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ، މިއަހަރު މުޅިން އަލަށް ހަތް ރަށެއް ފަތުރުވެރިކަމަށް ހުޅުވޭނެ ކަމަށާއި، މީގެ ސަބަބުން 1,000 އަށްވުރެ ގިނަ އެނދު އިތުރުވެގެންދާނެ ކަމަށެވެ. މީގެ އިތުރުން 168 ތަނެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭނާ އެއްގޮތަށް، އަންނަ އަހަރާ ހަމައަށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުމެވެ.

މި ސަރުކާރުގެ ދައުރުގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ކްލޯޒްޑް ބިޑިންގގެ ދަށުން 16 ތަނެއް، ކްރޮސް ސަބްސިޑީގެ ދަށުން 11 ތަނެއް އަދި އޯޕަން ބިޑިންގގެ ދަށުން 4 ތަނެއް ވަނީ ކުއްޔަށް ދީފައެވެ. އަދި ރަށްފުށުގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ކައުންސިލްތަކާއެކު ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން 6 ރަށަކާއެކު އެމް.އޯ.ޔޫގައި ސޮއިކޮށްފައިވާއިރު، 4 ރަށަކުން ވަނީ ފަތުރުވެރިކަމަށް ބިން އިޢުލާންކޮށްފައެވެ.

މިއަދު އޮންލައިން