ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މޫދުގައި ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމުގެ މަގްސަދުގައި ރާއްޖޭގައި އަލަށް "ވޯޓާ ސްޕޯޓްސް ރެގިއުލޭޝަން" އެއް އެކުލަވާލައި، ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބައެއް މުހިންމު ގަވައިދުތައް ނުހެދި ހުރި ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ މޫދު ކުޅިވަރުތައް ރެގިއުލޭޓް ކުރުން ކަމަށާއި، މި ގަވައިދު މިހާރު ވަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ނިމި، އިއުލާން ކުރުމުގެ ފަހުގެ މަރުހަލާގައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ވަރަށް ގިނަ ފަހަރަށް ހިތާމަވެރި ހާދިސާތައް ޓޫރިސްޓުންނަށާއި މަސައްކަތުގައި އުޅޭ ދިވެހިންނަށް ދިމާވޭ. މިކަންތައްތަކުން ސަލާމަތްވާ އަދި ރެގިއުލޭޓް ކުރެވިފައި އޮންނަ ނޯޓިސްއެއް އޮތުމަކީ މުހިންމު ކަމަކަށްވާތީއާ މިކަމަކީ ޓޫރިސްޓުން ފޮނުވާ ފަރާތްތަކުންނާއި މި މަސައްކަތުގައި އުޅޭ ފަރާތްތަކުން މުހިންމު ކަމެއް ދީގެން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރެވޭތީ އަޅުގަނޑުމެން މިހާރު މިވަނީ ވޯޓާ ސްޕޯޓް ރެގިއުލޭޝަން، ދެން ގާތްގަނޑަކަށް ވަރަށް އަވަހަށް ވޯޓާ ސްޕޯޓްސް ރެގިއުލޭޝަން އަޅުގަނޑުމެން އިއުލާން ކުރާނަން،" ވަޒީރު ވިދާޅުވިއެވެ.
މި ގަވައިދުގެ މައިގަނޑު މަގްސަދަކީ ފަތުރުވެރިންނަށް މޫދާއި ފެނުގެ ކުޅިވަރުތަކާއި އެކްސްކާޝަންގެ ހިދުމަތްދޭއިރު، އެންމެ ރައްކާތެރި މިންގަނޑުތައް ކަނޑައެޅުމެވެ. މީގެ އިތުރުން ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާތަކާއި، އެފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތައްވެސް މި ގަވައިދުގައި ބަޔާންކުރެވިފައިވާނެއެވެ. މި ގަވައިދު ރިސޯޓުތަކާއި، ގެސްޓް ހައުސްތަކާއި، ސަފާރީތަކުގެ އިތުރުން ފީނުމުގެ ހިދުމަތްދޭ ތަންތަނަށްވެސް ހިނގާނެއެވެ.
މީގެ އިތުރުން، ރަށްރަށުގައި ފަތުރުވެރިން އުޅޭއިރު ދިމާވާ އިޖުތިމާއީ މައްސަލަތަކަށް ހައްލެއް ހޯދުމަށް، 50 އެނދަށްވުރެ ގިނަ ޓޫރިސްޓު އެނދު ހުރި ރަށްތަކުގައި "ޓޫރިސްޓް އިންފޮމޭޝަން ސެންޓަރު" ތަކެއް ގާއިމުކުރުމަށް ނިންމާފައިވާކަން ވަޒީރު އިއުލާން ކުރެއްވިއެވެ. މި ސެންޓަރުތަކުގެ ސަބަބުން ފަތުރުވެރިންނަށް ބޭނުންވާ މައުލޫމާތު ފަސޭހައިން ލިބި، ރަށްރަށުގެ ސަގާފަތާއި އާދަކާދަ ރައްކާތެރިކުރުމަށް މަގުފަހިވެގެންދާނެއެވެ.