މެދުއިރުމަތީގެ ވައިގެ ބޮޑު ސަރަހައްދެއް ބަންދުކުރުމާ ގުޅިގެން، ކެންސަލްވެފައިވާ ފްލައިޓުތަކުގެ އެއަރލައިންތަކަށް ޚާއްސަ ސަރވިސް ކައުންޓަރުތައް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލްގައި ޤާއިމުކޮށްފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވެއްޖެއެވެ. މި ފިޔަވަޅަކީ މެދުއިރުމަތީގެ މަސްރަޙު ހޫނުވެ، ދަތުރުފަތުރަށް ބުރުއެރުމާ ގުޅިގެން ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެޅި ފިޔަވަޅެކެވެ.
އެމްއޭސީއެލްއިން ހާމަކުރެއްވި ގޮތުގައި، 28 ފެބުރުވަރީ 2026 ވަނަ ދުވަހު ވީއައިއޭގައި "ޑިސްރަޕްޝަން މެނޭޖްމެންޓް ސެންޓަރެއް" ޤާއިމްކޮށް، ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަސައްކަތުގެ ދަށުން ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަށްޓަކައި ޑޮމެސްޓިކް ޓަރމިނަލް މިހާރު ދަނީ ބޭނުންކުރަމުންނެވެ. އަދި ކަމާގުޅުންހުރި ފަރާތްތަކުގެ އެހީތެރިކަމާއެކު، ހޮނިހިރު ދުވަހުގެ ރޭގެ ނިޔަލަށް 130 ފަސިންޖަރުންނަށް ޒަރޫރީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެކުންފުނިން ވިދާޅުވިއެވެ.
އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަޙައްދު ބަންދުކުރުމާ ގުޅިގެން 28 ފެބްރުއަރީ 2026 ގައި ޖުމްލަ 9 ފްލައިޓެއް ކެންސަލްވެ، 1,716 ފަސިންޖަރުންނަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އަދި 1 މާރިޗު 2026 ގައި 19 ފްލައިޓެއް ކެންސަލްވެ، ގާތްގަނޑަކަށް 3,530 ފަސިންޖަރުންނަށް މިކަމުގެ އަސަރުކޮށްފައިވެއެވެ.
މި ހާލަތުން އަރައިގަތުމަށްޓަކައި އެމްއޭސީއެލްއިން ދަނީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާއި، ވިޒިޓް މޯލްޑިވްސްގެ އިތުރުން އެއަރލައިންތަކާއި ޓުއަރ އޮޕަރޭޓަރުންނާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. ޑޮމެސްޓިކް ޓާމިނަލްގައި ޤާއިމުކުރި ޚާއްސަ ކައުންޓަރުތަކުގައި އެއަރލައިންތަކުގެ މަންދޫބުން ހަރަކާތްތެރިވަމުންދާއިރު، އެ ފަރާތްތަކުން ދަނީ ފަސިންޖަރުންނަށް ބޭނުންވާ އެކިއެކި އިންތިޒާމްތައް ހަމަޖައްސައިދެމުންނެވެ.