މާފުށްޓާއި އެރަށު ހިއްކި ސަރަޙައްދު ގުޅުވާލަދޭ ކޯޒްވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
މާފުށްޓާއި އެރަށު ހިއްކި ސަރަޙައްދު ގުޅުވާލަދޭ ކޯޒްވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ކ. މާފުށްޓާއި އެރަށުގެ ހިއްކި ސަރަޙައްދު ގުޅުވާލަދޭ ކޯޒްވޭ ނުވަތަ ބްރިޖު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު އެ ރަށުގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެމްބަރު ހުސައިން ރިޒާ އާދަމް އާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އިސްމާޢީލް ޙަމީދާއި، އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޖަމްޝީދު އަދި މާފުށި ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން މާފުށްޓާއި އެރަށުގެ ހިއްކާފައިވާ ސަރަޙައްދު ގުޅާލުމަށް 137 މީޓަރުގެ ބްރިޖެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޖުމްލަ 35.42 މިލިއަން ރުފިޔާ ހޭދަކޮށްގެން، 365 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓުހައުސް ވިޔަފާރި ހިންގާ މާފުށީގެ ރައްޔިތުންނަށް މި މަޝްރޫޢުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ލަފާފުރުމާއި މުދާ އުފުލައި ބޭލުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާވެ، ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، ހިއްކާފައިވާ ސަރަޙައްދުން ބޯހިޔާވެހިކަމާއި، ސިނާއީ އަދި ވިޔަފާރި ބޭނުންތަކަށް ބިން ދޫކުރާއިރު، މި އެޅޭ ބްރިޖާއެކު ރަށުގެ އުމްރާނީ ތަރައްޤީއާއި އިޤްތިޞާދީ ދުވެލި އިތުރަށް ހަލުވިވާނެއެވެ. މިއީ ރަށުގެ ފަތުރުވެރިކަމުގެ ވިޔަފާރި އިތުރަށް ކުރިއަރައިދިއުމަށް މަގުފަހިވެގެންދާނެ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫޢު ކުރިއަށްގެންދާ އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.

މިއަދު އޮންލައިން