އިިސްލާމީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން، އާބާދީގެ ނިސްބަތުން އެންމެ ގިނަ ހާފިޒުން ތިބި ގައުމަކަށް ދިވެހިރާއްޖެ ހެދުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ކީރިތި ގުރުއާނުގެ އިލްމު ފެތުރުމަށާއި ގުރުއާން ހިތުދަސްކުރުމުގެ ދާއިރާއިން ރާއްޖެ މިހާރު ދެކެމުންދަނީ ވަރަށް ހެޔޮ ބަދަލުތަކެއް ކަމަށެވެ. މިގޮތުން، 2025 ވަނަ އަހަރު ގުރުއާނުގެ އިލްމު ފެތުރުމަށް 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގުރުއާނުގެ ދާއިރާއަށް ދެއްވާ ހާއްސަ އަހަންމިއްޔަތުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ފާއިތުވި ދެ އަހަރުގެ ތެރޭގައި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އިނާމުތައް މަތިކުރައްވައި، ހާފިޒުންނަށް ދައުލަތުންދޭ އެލަވަންސް ދެގުނައަށް ބޮޑުކޮށްދެއްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމުގެ ދާއިރާއަށް ވަރަށް މުހިއްމު އިސްކަމެއް ދެއްވި. ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އިނާމުތައް މަތިކުރެއްވި. ޙާފިޡުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރެއްވި." ވަޒީރު ވިދާޅުވިއެވެ.
މިހާރު ރާއްޖޭގައި ތިބި ހާފިޒުންގެ ޖުމްލަ އަދަދު 301 އަށް އަރާފައިވާއިރު، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ އަދަދު 500 އަށް އިތުރުކުރުމެވެ. މީގެ އިތުރުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދުރުރާސްތާ އަމާޒަކީ އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ގިނަ ހާފިޒުން ތިބި ގައުމަކަށް ރާއްޖެ ވެގެންދިއުމެވެ.
ގުރުއާނުގެ އިލްމު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފްސީލް ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފިތައް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން 2026 ވަނަ އަހަރުގެ ނިޔަލަށް 50 ގޮފި އުފެއްދުމަށް އަމާޒު ހިފާފައިވާއިރު، މިހާތަނަށް 6 ގޮފި ރަޖިސްޓްރީ ކުރެވި، އިތުރު 34 ގޮފީގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގައި ޙާފިޡުންގެ އަދަދު މިހާރު ވަނީ 301 އަށް އަރާފައި. މިއީ ވަރަށް އުފާވެރި ކަމެއް. އަމާޒަކީ މި 5 އަހަރުގެ ތެރޭގައި ޙާފިޡުންގެ އަދަދު 500 އާއި ހަމައަށް ގެންދިއުމަށް މަސައްކަތް ކުރުން. އަދި ވުޒާރާގެ ދުރު ރާސްތާ އަމާޒަކީ އިސްލާމީ ޤައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން ޙާފިޡުންގެ ޢަދަދު އެންމެ ގިނަ ޤައުމަށް ދިވެހިރާއްޖެ ހެދުން." ވަޒީރު ވިދާޅުވިއެވެ.