މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގެ ރައީސާ ކަމަށް، ޕީއެންސީގެ ފަރާތުން ވާދަކުރާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން، ކައުންސިލްއާއެކު ކޮލަބޮރޭޓިވްކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތް ބައްޓަންކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންނާއި ލާމަރުކަޒީ ޤާނޫނަށް އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ 1 މާރޗް 2026 ވީ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިދާރާގައެވެ.
މި ބައްދަލުވުމުގައި، މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދާއިރާތަކަށް ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނާއި، އެލް.ޖީ.އޭގެ ސީއީއޯ އަލްފާޟިލް މުޙައްމަދު ނިމާލު އަދި އެ އިދާރާގެ އިސްވެރިން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި އެލް.ޖީ.އޭ އިންވަނީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންޑޭޓަށް އައިސްފައިވާ ބަދަލުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައެވެ.
އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން އާއި އ.ތ.މ ކޮމިޓީއަށް ވާދަކުރައްވާ މެންބަރުންވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންޑޭޓަށް އައިސްފައިވާ ބަދަލުތަކާއެކު، ކޮމިޓީގެ މަސައްކަތްތައް ވަރަށް ބޮޑަށް ފުޅާވެގެންދާނެތީ، ނަތީޖާ ޙާޞިލުކުރެވޭނެ ގޮތަށް، މި މަސައްކަތްތައް ކުރިއަށްގެންދިއުމުގައި އެކަށީގެންވާ ވަޞީލަތްތަކާއި ފަންނީ އެހީތެރިކަން ބޭނުންވާނެކަން ފާހަގަކޮށްފައެވެ. މިގޮތުން، އ.ތ.މ ކޮމިޓީގެ ބަޖެޓް އެކުލަވާލުމާއި، ބަޖެޓް ހޯދުމުގައި، އެލް.ޖީ.އޭގެ ފަރާތުން އެހީތެރިކަން ލިބޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.