ކައިވެނިކުރަނީ ދެމީހުންވެސް އެކަކު އަނެކަކަށް ވަފާތެރިވެ ލޯބިން އެކުގައި ދިރިއުޅުމަށެވެ. ނަމަވެސް ކަންކަން ދިމާވުމުން މަޤްޞަދާއި ޚިލާފްވެވެނީއެވެ. އިންސާނުން ކަމަށްވީތީ ކުށްކުރެވެނީއެވެ. ކުރަން އޮތީ ހަމަ އެއްކަމެކެވެ. އެކަކު އަނެކެއްގެ ކިބައިން މާފަށް އެދި، ޢަމަލުތައް އިޞްލާޙްކޮށް ކައިވެނިކުރި މަޤްޞަދު ޙާޞިލްކުރަން މަސައްކަތްކުރުމެވެ.
ތިރީގައިވާ ޙާދިސާގެ ވާހަކައަކީ ކޮންމެ ދެމަފިރިއަކަށްވެސް ވަރަށް ރަނގަޅު ފިލާވަޅެކެވެ. ފިރިންނަށްވެސް އަދި އަނބިންނަށްވެސްމެއެވެ. ކުށްކުރެވުނު ކޮންމެ މީހަކަށެވެ.
އަޅުގަނޑުމެން ދެމަފިރިން ކައިވެނިކުރިއިރު އަޅުގަނޑުގެ ޢުމުރަކީ 21 އަހަރެވެ. ފިރިމީހާގެ އުމުރަކީ 16 އަހަރެވެ. ކައިވެންޏަށް 2 ވަނަ އަހަރު ފިރިހެން ދަރިއަކު ލިބުނެވެ. ދަރިފުޅުގެ އުމުރުން 5 އަހަރުވާން ކައިރިވެފައިހުއްޓާ ފިރިމީހާ އަށް ބަދަލުތަކެއް އަންނަން ފެށިއެވެ.
އަޅުގަނޑުކުރާ އެއްވެސް ކަމުނުދާންފަށައިފިއެވެ. ކިތަންމެ މީރުކޮށް ކެއްކުނުނަމަވެސް މީރެއް ނުވެއެވެ. ގޭތެރެ ތަރުތީބު ކުރެވޭކަމަށް ނުވެއެވެ. ދަރިފުޅުގެ ކަންކަން ކޮށްދެވެނީ ރަނގަޅަކަށް ކަމަކަށްވެސް ނުވެއެވެ. މިހެންގޮސް އަޅުގަނޑަށް ކުރެވޭ ހަމައެއްވެސް ކަމެއް ކަމުނުދަނީއެވެ.
އެކަމުގެ ހިތްދަތިކަމުގައި ހައަކަ އަހަރު އުޅެންޖެހުނެވެ. އެއިރު ފިރިމީހާގެ ޞިއްހަތަށް ބަދަލުތަކެއް އަންނަކަން ފާހަގަކުރެވުނެވެ. އެކަމާއިބެހޭ ގޮތުން ސުވާލުކުރިނަމަވެސް ބުނާނީ ޞިއްޙަތު ރަނގަޅުކަމަށާއި އެކަމާއިމެދު ނުވިސްނުމަށެވެ. އެއްވެސް ކަމެއް ބުނެއެއް ނުދެއެވެ.
ދެން ފެނުނީ ކުއްލިއަކަށް ފިރިމީހާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައިތަނެވެ. އަޅުގަނޑަށް ކުރެވޭ ހުރިހާ ކަމެއް ރަނގަޅުވެއްޖެއެވެ. އަދި ކުރިން ދުވަހަކުވެސް ނުވާވަރަށް އަޅުގަނޑަށް އެހީތެރިވާންވެސް ފަށައިފިއެވެ.
ދެމަފިރިންވެސް ފަތިސްނަމާދުކުރަމުއެވެ. ފިރިމީހާ މިސްކިތުގައެވެ. އަޅުގަނޑު ގޭގައެވެ. ނަމާދު ނިމިގެން އިރުކޮޅަކު ޛިކުރުކޮށްލާފައި ނިދަމުއެވެ. ފަހުންވާންފެށި ގޮތަކީ އަޅުގަނޑަށް ހޭލެވޭއިރު ފިރިމީހާ ހުންނަނީ ހެނދުނުގެ ސައިވެސް ހަދައިފައެވެ.
އެއްދުވަހަކު ބުނީ އޭނާ އާއިއެކު ޑޮކްޓަރަށް ގޮސްދިނުމަށެވެ. ވީއުފަލުން ތައްޔާރުވެގެން އެކުގައި ދިއައިމެވެ. އެއިރު ފިރިމީހާ ހުރީ އަމިއްލައަށް އެކަނި ގޮސް ޓެސްޓަކެއްވެސް ހަދައިފައެވެ. ޑޮކްޓަރު ގާތަށް ވަނުމުގެ އިންތިޒާރީގައި ތިބިއިރު ފިރިމީހާ އަޅުގަނޑަށް ކިޔައިދިނެވެ.
"އަހަރެންގެ ފުއްޕާމޭގައި އާދައާ ޚިލާފް ބައްޔެއް އެބަހުއްޓެވެ. ބޭސްކުރާތާ އަހަރުވީއެވެ. މިއަދު ހަދާފައި މިވަނީ ގާތްގަނޑަކަށް ފައިނަލް ނިންމުން ނިންމުމަށް ހަދަންޖެހޭ ޓެސްޓްތަކެވެ. ޓެސްޓްތައް ބަލާފައި އަހަރެން މަރުވާނެ ދުވަސްވެސް ބުނެފާނެއެވެ. ނުރޮއި ކެތްތެރިވާން ހިތްވަރުކުރަންވާނެއެވެ. އަދި އަހަރެންނަށް ދުވަސްކޮޅަކު ނަމަވެސް ބުނެވުނު ބަސްތަކަށް މާފުކުރާށެވެ! އަހަރެން ފަހުން ތިބާއަށް އެހައި ހެޔޮކޮށް ހިތީ އެކަމުގެ ބަދަލަށެވެ. އަދި ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމަށްޓަކައި އަނބިމީހާއަށް ވަރަށް ހެޔޮ ފިރިއެއްގެ ގޮތުގައި މަރުވުމުގެ އުންމީދުގައެވެ."
ބުނާނެ އެއްޗެއްވެސް ނުއެނގި އެތައް އިރަކު އިނީމެވެ. ލޮލުން ކަރުނަ އޮހެއެވެ. ކެތްކޮށްލައިގެން އިނީއެވެ. ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތައް ބަލާފައި ބުނީ ރިޒަލްޓަށް އިތުބާރުނުކުރެވޭ ކަމަށާއި އަލުން ޓެސްޓްތައް ހެދުމަށެވެ. އަދި އެހޮސްޕިޓަލް ނޫން ތަނަކުންވެސް ހަދައިގެން ގެނައުމަށެވެ.
ހަމަ އެދުވަހު އެކަންކަން ކޮށްގެން އެރޭ ގެއިން ޑޮކްޓަރަށް ދެއްކުމުން އެތައް އިރެއްވަންދެން ބަލަން އިނެވެ. އެއިރު އަޅުގަނޑުގެ މޭތެޅޭވަރުން ހީވަނީ ބުންބެރުޖަހާހެންނެވެ. އެހެން ނުވާންވީ ކީއްވެގެންތޯއެވެ؟ ދެމީހުންގެ މެދުގައި މައްސަލަތަކެއް ޖެހިފައިވީ ނަމަވެސް ދެމަފިރިން ވަކިވުމަކީ ދުވަހަކުވެސް ދެމީހުންކުރެ މީހަކު ހުވަފެނުންވެސް ދެކެން ބޭނުންވާ ކަމެއް ނޫނެވެ.
ކޮންމެއަކަސް އެންމެފަހުން ޑޮކްޓަރު އޭނާގެ ނިންމުން އިޢުލާނުކުރިއެވެ. ފިރިމީހާއަށް ޖެހުނު ބަލިވަނީ އެކުގައި ފަސޭހަވެފައެވެ. ނަމަވެސް ޔަޤީންކުރަން 3 މަސްވަންދެން ކޮންމެ މަހަކު ޓެސްޓް ތަކުރާރުކުރަން ބުންޏެވެ. ޑޮކްޓަރު ބުންޏެވެ. "މިބަލީގައި މިހައިބޮޑުވަރުވި މީހަކު މިހާ ފަސޭހަގޮތަކަށް ރަނގަޅުވިކަން ފޮތަކުންވެސް ފެނިފައެއް ނުވެއެވެ. ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ބަލައިގެން އުޅޭށެވެ!" ވަގުތުން އެތަނުގައިތިބެ ދެމަފިރިން އެކުގައި ޝުކުރުގެ ސަޖިދަކުރީމެވެ. ﷲ އަށް ޙަމްދުކުރީމެވެ.
ޑޮކްޓަރު ގާތުން ނުކުމެވުނުއިރު 9 ޖަހަނީއެވެ. ދެމަފރިން އެކުގައި ދިއައީ ފރިމީހާގެ ވަރަށް އެކުވެރި ޝައިޚެއްގެ އަރިހަށެވެ. ޝައިޚަށް ހުރިހާ ވާހަކަތަކެއް ވަރަށް ތަފްޞީލްކޮށް ކިޔައިދިނީމެވެ. އަދި ޝުކުރުވެރިވުމުގެ ގޮތުން ކުރަން އެންމެ ރަނގަޅު ކަމަކީ ކޮބައިތޯ ސުވާލުކުރީމެވެ.
ޝައިޚް ވިދާޅުވީ ވީވަރަކުން ޞަދަޤާތްކުރާށެވެ! ޢާއިލާގެ މީހުންނަށާއި ޔަތީމުންނަށާއި ހުވަފަތް އަންހެނުންނަށް އިސްކަން ދޭށެވެ. އަދި ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ. "އަދި ރުޤްޔާވެސް ކޮށްލާށެވެ! ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުނު ސަބަބު ދެނެގަންނަންވެސް މަސައްކަތްކޮށްލާށެވެ! ނަމަވެސް އެހައިބޮޑަށް ކަންބޮޑުނުވާށެވެ! ކުރިކަމެއް މިހާރު ވަނީ ބާޠިލްވެފައިކަމަށް ޤަބޫލުކުރެވެއެވެ. ދެމަފިރިން އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމަކީ ވަރަށް ގިނަ މުޞީބާތްތަކުން ސަލާމަތްކުރައްވަވާ ކަމެކެވެ. އިން ޝާ ﷲ"
އަޅުގަނޑުމެން ރުޤްޔާއެއް ނުކުރަމެވެ. ވަކީލްކޮށްލީއެވެ. ދެން އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ ކޮށްލަން ފަސްކޮށްލީއެވެ. ނަމަވެސް ޞަދަޤާތްކުރީމެވެ. ހުވަފަތް 2 އަންހެންނުން ހޯދައިގެން އެމީހުންނާއި ދަރިން ބަލަހައްޓަން ފެށީމެވެ. ފިރިމީހާގެ 3 ފިހާރައިން އެއްފިހާރައިގެ ފައިދާ ކޮންމެއަހަރަކުވެސް އެބަ ޞަދަޤާތްކުރަމެވެ. އެކަންކުރާތީ ތަނަވަސްކަން ކުޑައެއްވެސް ނުވެއެވެ. ވަނީ އިތުރެވެ. އިން ޝާ ﷲ
މިއަދުނޫހުގެ ކިޔުންތެރި ގާތު ބުނެލަން އޮތީ އަޅުގަނޑުމެންނަށް ލިބުނު ފިލާވަޅެވެ. އެއީ ޝައިޚް ބަޔާންކޮށްދެއްވި ކަންތަކެވެ. ދެމަފިރިންވެސް އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމުން ކުރާ ބޮޑެތި ފައިދާއެވެ. ފުރާނަ ސަލާމަތްވާ ސަބަބެއްވެސް ކަމެވެ.
- ނަފީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް