އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމުގެ މުއްދަތު އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 1ސ
އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމުގެ މުއްދަތު އިތުރުކޮށްފި

ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި އޮތީ މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް މަންދޫބުންނަށް ވުމުގެ ފުރުޞަތު ބަންދުކުރުމަށެވެ. ނަމަވެސް، ކޮމިޝަނުން މިހާރު ވަނީ މި މުއްދަތު މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްދީފައެވެ. މި އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އިންތިޚާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު އައްޔަން ކުރުމުގެ ފުރުޞަތު ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންވާކަމަށެވެ. މި މަންދޫބުންގެ މައިގަނޑު މަސްއޫލިއްޔަތަކީ އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ މަރުކަޒުތަކުގައި އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށްދާކަން ކަށަވަރު ކުރުމެވެ.

މަންދޫބަކަށް ވުމަށް އެދޭ ފަރާތްތަކަކީ 18 އަހަރު ފުރިފައިވާ ދިވެހިންނަށް ވާންޖެހެއެވެ. އަދި ޖިނާޢީ ކުށެއްގެ ޙުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުމާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައި ހުރި މީހަކަށް ނުވުމުގެ އިތުރުން، ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅާފައިވާ މީހަކަށް ނުވުމާއި އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން، އިންތިޚާބުގެ މިނިވަންކަން ހިފެހެއްޓުމަށްޓަކައި ފަނޑިޔާރުން، މިނިވަން މުއައްސަސާތަކުގެ މެންބަރުން، ފުލުހުން އަދި ސިފައިންނަށް މަންދޫބުންގެ ގޮތުގައި ހަރަކާތްތެރި ނުވެވޭނެއެވެ. އަދި އިންތިޚާބާ ބެހޭ މަސައްކަތެއްގައި އިލެކްޝަންސް ކޮމިޝަނާ ހަވާލުވެގެން ހުރި މީހަކަށް ނުވަތަ އިންތިޚާބުގައި އިތުރު މަޤާމަކަށް ކުރިމަތިލާފައިވާ މީހަކަށް ވެސް މި ފުރުޞަތެއް ނޯންނާނެއެވެ.

މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑަށް ބޯލަނބަންޖެހޭނެއެވެ. ފޯމު ހުށަހަޅާއިރު މި މިންގަނޑަށް ޢަމަލުކުރުމަށް އެއްބަސްވެ އިޤުރާރުވާން ޖެހެއެވެ. ފޯމު ހުށަހެޅުމުގެ ކަންކަން ކުރިއަށްދާނީ ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް ކެންޑިޑޭޓުން އަމިއްލައަށެވެ.

މިއަދު އޮންލައިން