މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކޮށްފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރުކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކޮށްދިނުމަށް ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރައި، ރާއްޖެއިން ފުރަން ތިބި ގިނަ އަދަދެއްގެ ފަތުރުވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހުމާ ގުޅިގެންނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް ދަތުރުކުރާ ބައެއް ފްލައިޓްތައް ވަނީ ކެންސަލްވެފައެވެ. މީގެ ސަބަބުން ރާއްޖޭގައި މިވަގުތު ތިބި ބައެއް ފަތުރުވެރިންނަށް އެމީހުންގެ ޓޫރިސްޓް ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ފުރޭނެ އިންތިޒާމެއް ނެތުމުން، އެފަރާތްތަކަށް ލުއިދިނުމުގެ ގޮތުން ވިސާގެ މުއްދަތު އިތުރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއިން ނުފުރި ތިބި ފަތުރުވެރިންގެ ހާލު ބަލައި، އެފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ. އެގޮތުން ފްލައިޓްތައް ކެންސަލްވާން ފެށި ހިސާބުން، ފަތުރުވެރިންނަށް އެމީހުން ކުރިން ތިބި ރިސޯޓުތަކަށް ނުވަތަ ގެސްޓްހައުސްތަކަށް އަނބުރާ ދެވޭނެ އިންތިޒާމްތައް ވަނީ ފަހިކޮށްދީފައެވެ.

މީގެ އިތުރުން، ބައެއް ފަތުރުވެރިން ބޭނުންވީ ޓިކެޓް ބަދަލުކޮށްގެން އެހެން ފްލައިޓެއްގައި ދިއުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. އެފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެކަންކަން ފެސިލިޓޭޓް ކޮށްދީފައިވާ ކަމަށްވެސް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. އަދި އެއްވެސް ތަނަކަށް ނުގޮސް އެއާޕޯޓުގައި މަޑުކުރަން ބޭނުންވި ފަތުރުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި ވަނީ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިދީފައެވެ.

ސަރުކާރުގެ މި ފިޔަވަޅުތަކަކީ ކުއްލި ހާލަތްތަކުގައި ފަތުރުވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށް، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

މިއަދު އޮންލައިން