މެދުއިރުމަތީގެ ހާލަތާއި ގުޅިގެން ރާއްޖެއަށް ތެލާއި ކާބޯތަކެތީގެ ދަތިކަމެއް ނެތް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
މެދުއިރުމަތީގެ ހާލަތާއި ގުޅިގެން ރާއްޖެއަށް ތެލާއި ކާބޯތަކެތީގެ ދަތިކަމެއް ނެތް: ރައީސް

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ރާއްޖެއަށް ތެލާއި ކާބޯތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ މެދުއިރުމަތީގެ ހާލަތާއި ގުޅިގެން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ހާލަތާ ގުޅިގެން އުފައްދާފައިވާ ޚާއްޞަ ކޮމެޓީން ކަމާ ގުޅުންހުރި ހުރިހާ ދާއިރާތަކެއްގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި، ޚާއްޞަކޮށް އެ ސަރަހައްދުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ ހާލަތު ބެލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ ގޮތުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށެވެ. "ތެލަށް އިރާދަކުރެއްވިއްޔާ އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް އަޅުގަނޑުމެންނަކަށް ދިމަލެއްނުވޭ. އަޅުގަނޑުމެންނަށް ހަމަ ރަނގަޅަށް އެކަން އޮތީ ހަމަޖެހިފައި. އެއްވެސް ވަރަކަށް ތެޔޮ ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންނަށް ނުލިބޭނެ ކަހަލަ ގޮތަކަށެއް އަދި ނެތް އެއްވެސް ވަރަކަށް ކަންބޮޑުވާންޖެހޭ ކަހަލަ އެއްވެސް ކަމެއް އިރާދަކުރެއްވިއްޔާ. ތެލުގެ އިޝޫއެއް ނެތް. ކާބޯތަކެތީގެ އިޝޫ އެއްވެސް ނެތް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ މަސްރަހުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފާނެ ކަމަށް ރައީސް ގަބޫލުކުރައްވައެވެ. އެހެންކަމުން، އިޤްތިޞާދަށް ކުރާނެ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ބައިނަލްއަޤްވާމީ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހި ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ބުރޫނާރާނެ ގޮތަކަށް ކަންކަން ތަރުތީބުކުރުން ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން