އެސްޓީއޯ ހެލްތު ކެއާގެ ފަރާތުން ހުޅުމާލެ ހޮސްޕިޓަލަށް ހިތުގެ ބަލިތައް ދެނެގަންނަ ޒަމާނީ ވަސީލަތެއް ތައާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
އެސްޓީއޯ ހެލްތު ކެއާގެ ފަރާތުން ހުޅުމާލެ ހޮސްޕިޓަލަށް ހިތުގެ ބަލިތައް ދެނެގަންނަ ޒަމާނީ ވަސީލަތެއް ތައާރަފުކޮށްފި

އެސްޓީއޯ ހެލްތު ކެއާގެ ފަރާތުން ހުޅުމާލެ ހޮސްޕިޓަލަށް ހިތުގެ ބަލިތައް ދެނެގަންނަ އެންމެ ޒަމާނީ އިމޭޖިންގް ޓެކްނޮލޮޖީގެ ވަޞީލަތެއް ތައާރަފުކޮށްފިއެެވެ. މިއީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އެސްޓީއޯއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިކަމާ ގުޅިގެން އެސްޓީއޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެސްޓީއޯ ހެލްތު ކެއާގެ ފަރާތުން ޞިއްޙީ ޚިދުމަތް ދޭ ތަންތަނުގައި ޒަމާނީ ޑައިގްނޯސްޓިކް އިކުއިޕްމަންޓް ފޯރުކޮށްދީ، ޚާއްސަ ބަލިތަކަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެންމެ ފަހުގެ ކާޑިއޯ ވަސްކިއުލަރ އަލްޓްރާ ސައުންޑް ސިސްޓަމެއް ހުޅުމާލެ ހޮސްޕިޓަލަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ސިސްޓަމަކީ މެޑިކަލް އިމޭޖިންގ އަދި ހެލްތު ކެއަރ ޓެކްނޮލޮޖީގައި ދުނިޔޭގެ ކުރިއަރާފައިވާ ކުންފުންޏެއް ކަމަށްވާ ޖީ.އީ ހެލްތު ކެއަރ އާއި، އެސްޓީއޯ ހެލްތު ކެއަރގެ ޕާޓްނަރޝިޕްގެ ދަށުން ފޯރުކޮށްދިން ސިސްޓަމެކެވެ. މިއީ ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތެރޭގައި ކާޑިއެކް އިމޭޖިންގ ޚިދުމަތްތައް ތަރައްޤީ ކުރުމަށް ދެ ފަރާތުން ގުޅިގެން ކުރާ މުހިއްމު މަސައްކަތެއްގެ ނަތީޖާއެވެ.

ހުޅުމާލެ ހޮސްޕިޓަލަށް އަލަށް ތައާރަފުކުރި ޖީ.އީ ވިވިޑް އީ95 ސިސްޓަމަކީ، ހިތުގެ ބައިތަކާއި މަސައްކަތް ކުރާ ގޮތުގެ އިތުރުން ލޭ ދައުރުވާ ގޮތް ވަރަށް ސާފުކޮށް ބަލާލެވޭނެހެން ފަރުމާކޮށްފައިވާ ހައި-ރިޒޮލިއުޝަން ކާޑިއެކް އިމޭޖިންގ ސިސްޓަމެކެވެ. މި ސިސްޓަމުގެ އެހީގައި ހިތުގެ މައްސަލަތައް މާ ބޮޑަށް ސާފުކޮށް ދެނެގަނެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ސިސްޓަމުގެ ހާއްސަ ސިފަތަކަށް ބަލާއިރު، މީގައި ބޮޑެތި މީހުންނާއި، ކުޑަކުދިން އަދި އަލަށް އުފަންވާ ކުދިންނަށް ބޭނުން ކުރެވޭނެ ޕްރޯބްތައް ހިމެނެއެވެ. މީގެ ސަބަބުން އަލަށް އުފަންވާ ކުދިންގެ ހިތުގެ އައިބުތައް ދެނެގަތުމަށާއި، ހުރިހާ އުމުރުފުރައެއްގެ ބަލި މީހުންގެ ހިތުގެ ޓެސްޓުތައް ހެދުމަށް މަގުފަހިވެގެންދާނެއެވެ.

އެސްޓީއޯއިން ފާހަގަކުރި ގޮތުގައި، މިފަދަ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ބަލި މީހުންނަށް ދޭންޖެހޭ ފަރުވާގެ ކަންކަމުގައި އަވަސް ނިންމުންތައް ނިންމުމަށް ޑޮކްޓަރުންނަށް ބޮޑު އެހީތެރިކަމެއް ލިބި، ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާވެގެންދާނެއެވެ.

މިއަދު އޮންލައިން