ފިޠުރު ޒަކާތުގެ ގޮތުގައި ފުރަތަމަ ހަފުތާގައި 1.3 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ފިޠުރު ޒަކާތުގެ ގޮތުގައި ފުރަތަމަ ހަފުތާގައި 1.3 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ފިޠުރު ޒަކާތުގެ ގޮތުގައި 1.3 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ހާމަކުރައްވައިފިއެވެ.

ޒަކާތު ހައުސްއިން ވިދާޅުވި ގޮތުގައި ރަމަޟާން މަހުގެ ފުރަތަމަ 7 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 1,374,481 ރުފިޔާ ވަނީ ލިބިފައެވެ. އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ ޒަކާތް ބަލައިގަންނަން ފަށާފައެވެ.

ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން ޒަކާތު ހައުސްއިން ވިދާޅުވީ، ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ޒަކާތް ބަލައިގަންނަން ފަށާފައިވާ ކަމަށެވެ. އެގޮތުން އޮންލައިން 7 ޕްލެޓްފޯމެއް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން އިސްލާމީ މަރުކަޒަށާއި ރަށްރަށުގެ ކައުންސިލްތަކަށް ގޮސްގެންވެސް ޒަކާތް ދެއްކޭނެއެވެ.

ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލުތަކުން ބޭނުންކުރަމުންދަނީ އެކަމަށްޓަކައި ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ "ފިޠުރު ޕޯޓަލް" އެވެ. މި ޕޯޓަލް މެދުވެރިކޮށް، އާންމު ފަރުދުން ކައުންސިލްތަކަށް ނުވަތަ އިސްލާމީ މަރުކަޒަށް ވަޑައިގެން ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުޢާމަލާތް ވަގުތުން ޕޯޓަލްގައި ރެކޯޑުކުރާނެއެވެ.

ޒަކާތް ދައްކައި ނިމުމުން، ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސް.އެމް.އެސްއެއް ވަގުތުން އެ ފަރާތަކަށް ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އަދި ޞަދަޤާތުގެ ގޮތުގައި އިތުރު ފައިސާއެއް ދައްކާފައިވާ ނަމަ، އެ އަދަދުވެސް އެ މެސެޖުގައި ހިމެނޭނެ ކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވައެވެ.

މިއަދު އޮންލައިން