ރަތްމަންދޫ ރައްޔިތުން ތުލުސްދޫއަށް ހިޖުރަ ކުރުމަށް ބޭނުންވާ ބިން ހަމަޖައްސައިދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ރަތްމަންދޫ ރައްޔިތުން ތުލުސްދޫއަށް ހިޖުރަ ކުރުމަށް ބޭނުންވާ ބިން ހަމަޖައްސައިދީފި

މުލަކަތޮޅު ރަތްމަންދޫ ރައްޔިތުން ކާފު އަތޮޅު ތުލުސްދޫއަށް ހިޖުރަ ކުރުމަށް ބޭނުންވާ ބިން އެ ރަށު ކައުންސިލުން ހަމަޖައްސައިދީފައިވާކަން އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. އެ ވުޒާރާއިން ވިދާޅުވި ގޮތުގައި ތުލުސްދޫއިން ބިން ހަމަޖެހިފައިވާކަން މިހާރު ވަނީ ރަތްމަންދޫ ކައުންސިލަށް ރަސްމީކޮށް އަންގާފައެވެ.

ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރަން ނިންމައިފިނަމަ، ގެދޮރު ބިނާކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އެ ރަށުގެ ރައްޔިތުން އާ ރަށަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. މި ވައުދުފުޅު އެމަނިކުފާނު ވެވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރަތްމަންދޫއަށް ކުރެއްވި ޒިޔާރަތުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުޢިއްޒު އޭރު ވިދާޅުވެފައިވަނީ، ރަތްމަންދޫ ރައްޔިތުންނަށް މާލެއާ ކައިރި ރަށަކަށް ދިރިއުޅުން ބަދަލުކުރުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދޭނެ ކަމަށެވެ. އަސާސީ ޚިދުމަތްތައް ފުރިހަމައަށް ލިބެން ހުރި ރަށަކަށް ދިރިއުޅުން ބަދަލުކުރުމަކީ ރަތްމަންދޫގެ ބޮޑު އާބާދީއަކުން ބޭނުންވާ ކަމެއްކަން ފާހަގަކުރެވެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ރަތްމަންދޫގެ ރަޖިސްޓްރީވެފައިވާ އާބާދީއަކީ 240 އެވެ. ނަމަވެސް، ރަށުގެ ހާލަތު ހުރިގޮތުންނާއި ޚިދުމަތްތައް ހޯދުމަށް ދަތިވުމުގެ ސަބަބުން މިހާރު އެ ރަށުގައި ދިރިއުޅެމުންދަނީ ގާތްގަނޑަކަށް 80 އެއްހާ މީހުންނެވެ. މި ހިޖުރަކުރުމުގެ މަޝްރޫޢަކީ ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން