ސްޓެލްކޯއިން ކުރިއަށްގެންދިޔަ ފަޔަރ ވޯޑަން - ޓްރެއިން ދަ ޓްރެއިނަރ ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް މިއަދު ސެޓްފިކެޓް ދީފިއެވެ. މިކަމަށްޓަކައި ސްޓެލްކޯގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި ޕްރޮގްރާމް ފުރިހަމަކުރި އެ ކުންފުނީގެ 30 މުވައްޒަފަކަށް ވަނީ ސެޓްފިކެޓް ޙަވާލުކޮށްފައެވެ.
ބައިވެރިންނަށް ސެޓްފިކެޓް ދެއްވީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން އާއި ސްޓެލްކޯ ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރެވެ. މި ޕްރޮގްރާމަކީ މަސައްކަތުގެ މާޙައުލުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ މިންގަނޑުތައް ހަރުދަނާކުރުމަށާއި، ކުއްލި ޙާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށްޓަކައި އެންޑީއެމްއޭއާ ގުޅިގެން ކުރިއަށްގެންދިޔަ ތަމްރީނެކެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކުއްލި ހާލަތްތަކުގައި ފަޔަރ ވޯޑަނުންގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހެން މުވައްޒަފުން ތަމްރީނުކުރުމަށް ބޭނުންވާ ޢިލްމާއި، ޢަމަލީ ހުނަރާއި، އުނގަންނައިދިނުމުގެ ފަންނީ ޤާބިލުކަން މުވައްޒަފުންގެ ކިބައިގައި އަށަގަންނުވައި، ކުންފުނީގެ ތަމްރީނު ދިނުމުގެ ޤާބިލުކަން އިތުރުކުރުމެވެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވާފައިވަނީ އެންޑީއެމްއޭ އާއި އެމްޓީސީސީގެ ތަޖުރިބާކާރުންނެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަލީ އަޒްވަރު ވިދާޅުވީ، މިއީ 2024 ވަނަ އަހަރު އެންޑީއެމްއޭއާއެކު ވެވުނު އެމްއޯޔޫއެއްގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ބައެއް ކަމަށެވެ. "އެމަރޖެންސީ ރެސްޕޮންސް ޕްލޭނެއްގެ ތެރޭގައި ހިމެނޭ އިވެކުއޭޝަން ޕްލޭނަށް ބޭނުންވާ ފަޔަރ ވޯޑަނުން ތައްޔާރުކުރުމުގެ މަސައްކަތް މި ގެންދެވުނީ. ކުންފުނީގެ ލެވެލްގައި މި ބޭފުޅުންގެ ބޭނުން ހިފައިގެން އިތުރު މުވައްޒަފުން ތަމްރީނުކުރުމުގެ ޙަރަކާތްތައް ކުރިއަށްދާނެ،" ޑރ. އަޒްވަރު ވިދާޅުވިއެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަންގެ ވާހަކަފުޅުގައި، ކުންފުންޏެއްގެ ވިލުންތެރިކަން ވަޒަންކުރެވެނީ ބޮޑެތި ކަންތައްތައް ދިމާވާ ވަގުތުގައެވެ. "ކުންފުންޏެއް ވިލުންތެރި ކުންފުންޏަކަށް ވަނީ ބޮޑެތި ކަންތައްތައް ދިމާވާ ވަގުތުގަ އެ ކުންފުނިތަކުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް މެދުނުކެނޑި، އެ ޙާލަތުގައިވެސް ފޯރުކޮށްދެމުން ގެންދިއުމަށް ބުރުލެއްނާރާ ކުރިއަށް ދިއުމުން،" ހިސާން ފާހަގަކުރެއްވިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ސްޓެލްކޯގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ކުންފުނީގެ މުވައްޒަފުންނަކީ ކުއްލި ޙާލަތްތަކަށް އަހުލުވެރި ބަޔަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.