ގދ. ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ.
މި މަޝްރޫޢަކީ ޖުމްލަ 209.43 މިލިއަން ރުފިޔާ ހޭދަކޮށްގެން 780 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ބޮޑު މަޝްރޫޢެކެވެ. މި މަސައްކަތުގެ ދަށުން 465,726 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 300 މީޓަރުގެ އެއްގަމުތޮށި ލުމާއި، 733 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
މީގެ އިތުރުން، 133 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް ޖެހުމާއި، 329 މީޓަރުގެ ގްރޮއިން ޖެހުމާއި، 1,462 މީޓަރުގެ ބޭރުތޮށިލުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ. އަދި 9,206 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން، 6 މީޓަރު ދިގު 36 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ގދ. ފަރެސްމާތޮޑާއަކީ މަސްވެރިކަމުގައި ނަންމަޝްހޫރު ރަށަކަށް ވެފައި، އެ ރަށަކީ އެއާޕޯޓުވެސް އޮންނަ ރަށަކަށް ވުމާއެކު، ބަނދަރުގެ ޖާގައިގެ ދަތިކަން ރައްޔިތުން ދަނީ ބޮޑަށް ތަޙައްމަލު ކުރަމުންނެވެ. މި މަޝްރޫޢު ނިމުމާއެކު އުޅަނދުތައް އެޅުމަށް ތަނަވަސް ޖާގައެއް ލިބި، މުދާ ބަރުކުރުމާއި ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަގުނަ ތަރައްޤީގެ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.