އަޅުގަނޑުގެ ދައްތައަކަށް މީގެ 12 އަހަރުކުރިން ޒިނޭގެ ދަރިއަކު ލިބުނެވެ. އެކުށް ކުރެވުމުން ދައްތަ ތައުބާވެ ރަނގަޅު ގޮތުގައި އުޅެންފެށިއެވެ. ކައިވެނިކޮށްގެން ވަރަށް ލޯބިން އުޅެމުން އަންނަތާވެސް 10 އަހަރުވީއެވެ. އެކަމަކު މިހާރުވެސް ބައެއް މީހުން ދައްތަ ކުށްވެރިކޮށް ވާހަކަ ދައްކައެވެ. އެއީ ކުރަން ހަމަ ރަނގަޅު ކަމެއްތޯ؟ އެމީހުން ފާފަވެރިނުވާނެތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ޒިނޭކުރެވުމުން އޮތީ ތައުބާވުމެވެ. އެހިސާބުން ﷲ ތަޢާލާ އެމީހެއްގެ ފާފަ ފުއްސަވައިދެއްވަވާނެތެވެ. ޒިނޭކުރަމުންދާ މީހަކަށް އެކަން ހުއްޓަން ނަޞީޙަތްދެވިދާނެއެވެ. ނަމަވެސް ފާފައިން ތައުބާވެގެން ހުރި މީހަކަށް އެކަން ހަނދާންކޮށްދިނުމަކީވެސް ކުރެވޭ ކުށެކެވެ. ޢަމުދުން ފުރައްސާރަކުރުމުގެ ގޮތުން ބުނުމަކީ ކުރެވޭ ފާފައެކެވެ. ތައުބާވުމުން އޭނާގެ ދަރަޖަ ﷲ ތަޢާލާގެ ޙަމްރަތުގައި އުފުލިގެންގޮސްފައިވާ މިންވަރު އެނގެނީ ކާކަށް ހެއްޔެވެ؟
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ޒިނޭކުރުމުން ބަލިވެއިނދެއްޖެނަމަ އަބަދުވެސް ފަޟީޙަތްވަނީ އަންހެނުންނެވެ. އެއީ ބަނޑުބޮޑުވެ ވިހަން ޖެހޭތީއެވެ. ފިރިހެނާއަށް ދުނިޔޭގައި ފަޟީޙަތުން ސަލާމަތްވެވުމަކީ ކުރި ފާފައިން ބަރީޢަވެވޭ ސަބަބެއް ނޫނެވެ.
ކަންއޮތީ މިފަދައިން ނަމަވެސް މީހުން މިނަނީ ލޮލަށް ފެންނަ ތަނުންނެވެ. މައްސަލައިގައި އެންމެ ދެރަކަމަކީ އެންމެ ބޮޑު އަނިޔާއެއް ލިބި، އަނިޔާ އުފުލަންޖެހޭ، އަދި ފަޟީޙަތްވާ ބައަކީ އަންހެނުން ނަމަވެސް އެކަނބަލުންނަށް އެކަމަށް ހޭލުންތެރިނުވެވޭކަމެވެ.
ތިރީގައިވާ ވާހަކައަކީ ޢިބްރަތްތެރި ފިލާވަޅެކެވެ.
އޭނާއަކީ ވަޒީފާ އަދާކުރާ އަންހެންކުއްޖެކެވެ. އެއީ ކުރަން ކިތަންމެ ގޯސް ކަމެއް ނަމަވެސް ވަޒީފާގެ ދަހިވެތިކަމުގައި ކުންފުނީގެ ވެރިމީހާ އާއި ގާތްގުޅުމެއް ބާއްވަމުން ގެންދިއައެވެ. ނަތީޖާއަކަށްވީ ބަލިވެއިނުމެވެ.
އޭނާހީކުރީ ބަލިވެއިން ޚަބަރުދިނުމުން ދެއަންތބަށް ނަމަވެސް ކައިވެނިކުރާނެ ކަމަށެވެ. އަދި ހަމަޖެހިލައިގެން ދިރިއުޅެންފެށޭނެ ކަމަށެވެ. ނަމަވެސް ނަތީޖާނުކުތީ ހީވެސް ނުކުރެވޭ ގޮތަކަށެވެ. ދަރިފުޅު ވައްޓާލަން އެއްބަސްނުވުމުން ބަލިވެއިނުންވީ އޭނާ އެކަނިކުރި ބޮޑުކުށަކަށެވެ. ވަޒީފާއިންވެސް ވަކިކޮށް ގެއަށް ފޮނުވައިލީއެވެ.
ނަޞީބަކުން ވިހައިގަދަވިތަނާ އެހެން ކުންފުންޏަކުން ވަޒީފާ ލިބުނެވެ. އެވަޒީފާގެތެރެއިން ބައްދަލުވި ޒުވާނަކާއި ލޯބީގެ ގޮތުން ގުޅުނެވެ. އޭނާވީ ވަރަށް އަޚްލާޤް ރަނގަޅު ޒުވާނަކަށެވެ. ދަރިފުޅުދެކެވެސް ވަރަށް ލޯބިވާ މީހަކަށެވެ. އެކުގައި ލޯބިވެގެން އުޅޭތާ 3 އަހަރުފަހުން ކައިވެނިކުރަން ތާރީޚް ކަނޑައެޅީވެސް އެޒުވާނާއެވެ.
މައިންބަފައިންގެ ރުހުން ހޯދުމުގެ ބޭނުމުގައި މައިންބަފައިންނަށް އޭނާ ދައްކަން ގެއަށް ގެންދިއުމުން ފުތަމަވެސް ފުންމައިގަތީ މަންމައެވެ. "ކައިވެނިކުރަން ތިއަ ނަޖިސް އަންހެނާ ނޫން އަންހެނަކު ދަރިފުޅަށް ނުފެނުނީހެއްޔެވެ؟" އެހިސާބުން އެއޮތީ ނަޖިސް އަންހެނަކަށްވެފައެވެ.
"ތިއައީ ކޮން އަންހެނެއްކަން އެނގޭހެއްޔެވެ؟ ތިއައީ ދަރިފުޅުގެ ބައްޕަގެ ނަޙަލާލް ދަރިފުޅުގެ މަންމައެވެ."
އެހިސާބަށް ކަންކަން ދިއުމުން އޭނާ ބަލާކަށް ނުހުރެއެވެ. "ރަނގަޅެވެ. އަހަރެން ނަޖިސް އަންހެނަކަށްވާނަމަ އޮޅުވާލައިގެން، ވަޒީފާގެ ބިރުވެސް ދައްކައިގެން، ރަންދުނިޔެއެއް ދައްކައިގެން އަހަރެންގެ އިއްފަތްތެރިކަމަށް އަރައިގަތް ތިއަހުރި ފިރިހެނާ، ކަލޭގެ ފިރިމީހާ ސާފުޠޯހިރި ފިރިހެނަކަށްވީ ކިހިނަކުން ހެއްޔެވެ؟ އަދި އަހަރެންނަކީ ނަހަލާލް ދަރިއެއްގެ މަންމައަކަށްވީފަދައިން ތިއަހުރި ފިރިހެނާ، ނަޙަލާލް ދަރިއެއްގެ ބައްޕައަކަށް ނުވަނީހެއްޔެވެ؟ ފިރިމީހާގެ ދިފާޢުގައި ތިއަގޮތަށް ވާހަކަދެއްކުމުން ކަލޭވެސް ތިއަވީ ނަޖިސް ކަންކަންކުރާ ފިރިމީހާއަށް ނަޖިސްކަންކަން ކުރަން ވާގިދޭ ނަޖިސް އަންތބަކަށްނޫންހެއްޔެވެ؟" އެހެން ބުނެފައި ނުކުމެގެން އައީއެވެ.
އެރޭވެސް އެ ޒުވާނާ އައެވެ. މަސައްކަތްކުރީ އޭނާގެ ބައްޕަގެ މަޢްޞޫމްކަމާއި އަޅުގަނޑުގެ ނުބައިކަން ބޮޑުކަން ކިޔައިދޭށެވެ. އަދި އަޅުގަނޑުގެ ދަރިފުޅަކީ ޢޭނާގެ އަޚަކަށްވުމުން އެދަރިފުޅު ކުށްވެރިކުރާށެވެ! އަދި އަޅުގަނޑު ހެދީ މަކަރާ ހީލަތުން އޮޅުވާލައިގެން އޭނާދެކެލޯބިވީ އަންހެނަކަށެވެ.
އަޅުގަނޑު ބުނީމެވެ. "ކަލޭ، ކަލޭގެ ޢާއިލާ ކިޔައެއް ނުދެމެއްނޫންހެއްޔެވެ؟ ހަމަކުޑަކޮށްވެސް ކަލެއަކީ އެފުރޭތައިގެ ދަރިއެއްކަމެއް ނުދެނެހުރީމެވެ. އަހަރެން ބަލިވެއިނީ މާގިނައިން ހިންގި ގުޅުމަކުން ނޫނެވެ. ރަސްމީ ދަތުރެއްގަ ރާއްޖެއިން ބޭރަށް ގެންގޮސްފަ މަކަރުން އަހަރެންގެ ހަމަހޭ ދުއްވާލުވާފަ ކުރިކަމަކުން ނޫންތޯ؟ ފަހުން އެފުރުޞަތު ދިންތޯ ނިކަން އެފުރޭތަ ގާތު އަހާބަލާށެވެ! އަހަރެންނަށްވެސް ކުށެއް ކުރެވުނެވެ. އެއީ އަގުބޮޑު ގަހަނާއާއި ތަކެތީގެ ބޭނުމުގައި އެފުރާތަ އާއި ތަންކޮޅެއް ގާތްކޮށް އުޅެވުނުކަމެވެ. އަހަރެންނަށް މިލިބުނީ އެކަމުގެ ޖަޒާއެވެ! ކިތަންމެ ވަރަކަށް ރުޅިއައިނަމަމަވެސް އަހަރެންވާނީ ހަމަ ކަލެއާ އެއްބަފާ އަޚުގެ މަންމައަށެވެ."
ބުނާނެ އެއްޗެއްވެސް ނޭނގިފައި އޭނާހުރީއެވެ! އެނބުރިދާން ހިނގައިގަތުމުން ބުނީމެވެ. "މިކިޔައިދިން ކަންކަމުގަ އެއްވެސް ދޮގެއްވޭތޯ ނިކަން ބައްޕަގާތު އަހައިބަލާށެވެ. އެއީ އިންސާނެއްނަމަ ދޮގެއް ނުކުރާނެއެވެ! އަދިވެސް އެއް ވާހަކަ ބުނެލާނަމެވެ. އަހަރެންގެ ދަރިފުޅުގެ އިތުރުންވެސް ހަމަ މިގޮތަށް ކަލޭގެ ބައްޕައަށް ވިހާފައި ތިބި އިތުރު 2 މުވައްޒިފުންނާ ބައްދަލުކުރަން ބޭނުމިއްޔާ ދައްކައިފާނަމެވެ. ބަލިވެ އިނުމުން އެ 2 އަންހެނުންވެސް ކަނޑާފައި ފޮނުވައިލީއެވެ. ކަލޭމެން އުފަލުގައި ތަނަވަސްކަމުގައި އުޅޭށެވެ. އަހަރެމެން އަހަރެމެންގެ ދަރިން ގޮވައިގެން ފަތާނަމެވެ."
މިއަދުނޫހުގެ ކިޔުންތެރިންނޭވެ! މިއީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެއްގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ. މިބާވަތުގެ ވާހަކަތައް ސޯޝަލްމީޑިއާއިންވެސް ފެންނާނެއެވެ. އަޅުގަނޑަށްވެސް ވަނީ ފެނިފައެވެ. އެވާހަކަތައް ލިޔެފައިއެވަނީ އަޞްލެއް ނެތިކަމަށް ބުނެވެން ނެތީ އެފަދަ ކަމެއް އަޅުގަނޑުގެ އެކުވެރިޔާ ފަދަ އެތައް އަންހެނުންނަށް ތަޖުރިބާކުރަން ޖެހިފައިވާތީއެވެ.
އަޅުގަނޑުގެ އެކުވެރިޔާ އަދި އެހެން އަންހެނުންވެސް ދިފާޢުކުރާކަށް ނެތީމެވެ. އެމީހުންގެވެސް ކުށް އެބައޮތެވެ. ނަމަވެސް އަޅުގަނޑުގެ ސުވާލަކީ ކޫޑިންނަށްވެ ނަޖިސްވެ ގޮތްގޮތްވާންޖެހެނީ ހަމައކަނި އަންހެނުންތޯއެވެ؟ މިފަދަ ކަންކަންކޮށް ޒިންމާވެސް ނުއުފުލައި ދަރިން އުކީމާ ފިރިހެނުންގެ ސާފުތާހިރުކަންވަނީ އިތުރުތޯއެވެ؟
އެބަހުސްކުރާކަށްވެސް ނެތީމެވެ. އެމީހަކު ޤަބޫލުކުރަން ބޭނުންވާ ގޮތަކަށް ޤަބޫލުކުރީމާ ނިމުނީއެވެ. ހަމައެކަނި ބުނެލަންވީ މިއީ މިއަދު އަހަރެމެން އަންހެނުން ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހިފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެއް ކަމަށެވެ.
މުވައްޒިފުންނާއިވެސް އަދި ލޯބިވެރިންނާއިވެސް އަދި ލޯބިނުވެވެސް ޒިނޭގެ ޢަމަލުކޮށްފިނަމަ ވާނީ ޒިނޭއަކަށެވެ. މުވައްޒިފެއްނަމަ ބަލިވެއިނުމުން ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލެވިދާނެއެވެ. ޤިޔާމަތް ދުވަހު ސަލާމަތްވެވޭނެ ހެއްޔެވެ؟ ނަޙަލާލަށް ބަލިވެއިނުމުން ހަމައެކަނި އަންހެންމީހާ ނަޖިސްވާ އުޞޫލު ދޫކޮށްލަން އެބަޖެހެއެވެ!
ޤިޔާމަތް ދުވަހު ޢަޛާބު ދެއްވަވާނީ ހަމައެކަނި ވިހެއުމަކުން ނޫނެވެ! ވިހެއުމަކީ ޢަޛާބް ދެއްވަވާ ކަމެއް ނޫނެވެ. ޢަޛާބް ދެއްވަވަނީ ކުރި ފާފައަށެވެ. ވީމާ އެކަކު އިންތިހާއަށް ކުށްވެރިކުރުމަކީ އެއްވެސް ޙާލެއްގައި އިންޞާފެއް ކަމަކަށް ނުދެކެމެވެ.
- ސަފީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް