އެއީވެސް ލޯބިން އެކުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. އަނބިމީހާ މަސައްކަތުން ނިމިގެން ގެއަށް އައިއިރު ފިރިމީހާ އޮތީ އޭނާގެ ލޯބިވެރިޔާ ގޮވައިގެން އެނދުގައެވެ. ފެނުނުކަމަށްވެސް ނުހަދައި ގޮސް ހޫނުފެން ތެއްޔެއް ހިފައިގެން އައިސް ކޮޓަރިއަށް ވަނުމުން ދެމީހުން ދިއައީ ސިއްސައިގެންނެވެ. "އަހުރެންނަށް ގުޅިގެން މިއުޅެވެނީ މީހެއްގެ ފިރިއަކާއިކަން ނުއެނގޭ" ކަމަށް ބުނަމުން އަންހެން މީހާ ނުކުމެގެން ދިއައީއެވެ.
އަނބިމީހާ ބުނީ ގެއަކީ ދެމީހުންގެ ފައިސާއިން ގަނެފައި ހުރި ގެއަކަށްވުމުން އޭނާގެ ފައިށާ ދިނުމުން ގެއިން ނުކުމެގެންދާނެ ކަމަށެވެ. ފައިށާ ދެވެން ނެތްނަމަ އޭނާ މިހުރީ ފިރިމީހާގެ ޙިއްޞާއަށް ފައިސާދޭން ތައްޔާރަށް ކަމަށެވެ. އަދި ދެމީހުންގެ ޖޮއިންޓް އެކައުންޓް މިހާރުވެސް ވާނީ ބަންދުކޮށްފައި ކަމަށާއި ފައިސާ ޖަމާކޮށްފައި ހުރި ނިޞްބަތުން ދެމީހުންގެ ފައިސާ ވަކިކޮށް މާދަމާ ހިސާބުތައް ނިންމާނީ ކަމަށެވެ.
އެހެން ބުނެފައި އޭނާގެ އެއްޗެތި ކޮޓަރިން ނެރެގެން ގެސްޓްރޫމަށް ވަޤުތުން ބަދަލުވީއެވެ. ފިރިމިހާ ދައްކަން އުޅުނު އެއްވެސް ވާހަކައެއް އަޑެއްވެސް ނުއެހިއެވެ.
ފިރިމީހާ ދިއައީ ސިއްސައިގެންނެވެ. ގެ ގަނެވޭކަށް ނެތެވެ. ވިޔަފާރި ހިންގަމުން އައި ދެމަފިރިންގެ ޖޮއިންޓް އެކައުންޓުން އަނބިމީހާގެ ފައިސާ ނަގައިފިނަމަ ވިޔަފާރި ހުއްޓޭނެއެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތުމުން ފިރިމީހާ ދިއައީ އޭނާގެ މަންމަގެ ގާތަށެވެ. އެއީ މަންމަ ނަޞީޙަތްދިނީމާ އަނބިމީހާ ޤަބޫލުކޮށްފާނެ ކަމަށްވިސްނައިގެންނެވެ.
ދަރިފުޅުގެ ހުރިހާ ވާހަކަތައް އަޑުއެހުމަށްފަހު މަންމަ ބުންޏެވެ. "ސުމެއްގައި ހުރި މީހަކު ނަގައި ކޮޅަށްޖަހައި ހިންދެމިލެވޭނެވަރުކޮށްދިނީމާ އެކަން ޤަބޫލުނުކުރެވުނު މީހަކަށް ރަނގަޅު ގޮތެއް މެދުވެރިވާނެ ކަމަކަށް ނުވިސްނެއެވެ. ދެންވެސް އަވަހަށް ގޮސް އަނބިމީހާއަށް ޝުކުރު އަދާކުރާށެވެ!"
އަނބިމީހާއަށް ޝުކުރުއަދާކުރަންވީ ކޮންކަމަކަށްތޯ ސުވާލުކުރީމާ ބުނީ ދެމީހުންގެ ގައަށް ހޫނުފެން ނުޖެހިކަމަށްޓަކައި ކަމަށެވެ.
މިފާހަގަކުރީ އަޅުގަނޑަށް ފެނުނު ފިލްމަކުން ފެނުނު ކަންކަމުގެ ތެރެއިން އަޅުގަނޑު ފާހަގަކުރަން ބޭނުންވި ތަންކޮޅެވެ. މިތަންކޮޅު ފާހަގަކުރަން ބޭނުންވި ސަބަބުވެސް ބުނެލާނަމެވެ.
އެއީ ގިނަ ބައަކު ދައްކާނީ މައިދައިތަގެ ނުބައިކަމުގެ ވާހަކައެވެ. އެކަމަށްވެސް ސަބަބެއް އޮންނާނެކަންވެސް ޤަބޫލުކުރަމެވެ. މިއީވެސް ހަމަ މައިދައިތައެއްގެ ނިންމުމެކެވެ. ވީމާ ބުނެލަން ބޭނުންވަނީ މައިދައިތައިންނަކީ ވަކިއަތަކަށް ނުޖެހި މިމައިދައިތަ ފަދައިން އިންޞާފުން ކަންކަން ކުރާ ބައަކަށްވެއްޖެނަމަ ހާދަ ގިނަ މައްސަލަތަކެއް ޙައްލުކުރެވި ހާދަގިނަ ކައިވެނިތަކެއް ސަލާމަތްކުރެވޭނެއެވެ.
- ފާތިން / މިއަދުނޫހުގެ ކިޔުންތެރިއެއް