ޢިބްރަތްތެރި ވާހަކަ: ލޯބިން ދެމަފިރިއަކު އުޅޭނަމަ ދެމެދަށް ވަދެގަންނާނީ ކާކުކަން ނުވެސް ވިސްނޭނެ! އޮތީ ސަމާލުވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 45ސ
ޢިބްރަތްތެރި ވާހަކަ: ލޯބިން ދެމަފިރިއަކު އުޅޭނަމަ ދެމެދަށް ވަދެގަންނާނީ ކާކުކަން ނުވެސް ވިސްނޭނެ! އޮތީ ސަމާލުވުން!

އަޅުގަނޑުގެ ފިރިމީހާއަކީ ތަނަވަސްމީހެކެވެ. އެކަމަކު އަޅުގަނޑު އޭނާއާއި ކައިވެނިކުރީ އޭނާގެ ތަނަވަސްކަމަށް ބަލައިގެނެއް ނޫނެވެ. އަޅުގަނޑު ދެކެ ލޯބިވާކަމަށް ބުނެ ދެއްކި ވާހަކަތައް ޤަބޫލުކުރެވިގެންނެވެ.  

ގެއަކީ ބޮޑު ގެއެކެވެ. ސާފުކޮށް ބެލެހެއްޓުމަކީ ބުރަކަމެކެވެ. އެކަމަކުވެސް އެއީ ބުރައެއްކަމަކަށް ނުދެކެމެވެ. އެމަސައްކަތުގެ އިތުރުން ކެއްކުމާއި ދެން ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރަމުން އައީ އަމިއްލައަށެވެ. އަހުރެންގެ މައިންބަފައިންނަކީވެސް ފަޤީރު ބައެއް ނޫނެވެ. އެހެންކަމާއިއެކުވެސް މަންމަ އަޅުގަނޑު ތަރުބިއްޔަތުކޮށްފައިހުރީ ކުރަންޖެހުނު ކޮންމެ މަސައްކަތެއްވެސް ކުރަން ހިތްވަރުލިބޭގޮތަށެވެ.

ކައިވެނިކޮށްގެން އެކުގައި އުޅެންފެށިތާ ދުވަސްކޮޅެއްވެސް ނުވަނީސް ފިރިމީހާގެ ވިސްނުމުގެ މިސްރާބު ބަދަލުވެއްޖެއެވެ. އަޅުގަނޑަކީ އަންތބެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި ގެންގުޅޭ ނޯކަރެއްގެ ގޮތުގައި ދެކެން ފަށައިފިއެވެ. ލޯބިން ވާހަކަދެއްކުމުގެ ބަދަލުގައި އަމުރުކުރަން ފަށައިފިއެވެ. ކުރާ ކަންކަން ކަމުނުދާން ފަށައިފިއެވެ.  

އެޙާލުގައިވެސް 6 މަސްދުވަހު ކެތްތެރިވީމެވެ. ކެތްކުރެވޭވަރު ނުވުމުން ގެއިން ނުކުމެގެން އައީއެވެ. ކޮންމެހެން ފިރިމީހާއާއި ވަކިވާން ބޭނުންވެގެނެއް ނޫނެވެ. އޭނާއަށް ކަންކަން ވިސްނި އިޞްލާޙްވާނެ ކަމުގެ އުންމީދުގައެވެ. ދުޢާކުރަމުން އައީވެސް އެގޮތަށް މިންވަރުކުރެއްވެވުން އެދިގެންނެވެ.  

ޙަޤީޤަތުގައި ފިރިމީހާއަކީ ގޯސް މީހެއް ނޫނެވެ. އެބަދަލުތައް އޭނާއަށް އައީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެންނެވެ. އެހެންވެ އުންމީދުކޮށްގެން ހުރީ ކަންކަން ވިސްނި އެނބުރި އަންނާނެ ދުވަހަކަށެވެ.  

ދޭތެރެއަކުން މެސެޖެއް ކުރަން ފެށިއެވެ. އަޅުގަނޑާއި ނުލައި އުޅެން އުނދަގޫވާހަކައެވެ. ކޮންމެ މެސެޖެއްގެ ޖަވާބުގައިވެސް ބުނަމުން ދިއައީ އަގުވަޒަންނުކުރާ މީހަކާއިއެކު ދިރިނުއުޅެވޭނެ ކަމަށެވެ. އޭނާ ބުނަމުން އައީ އޭނާ ބަދަލުވަމުން އަންނަ ކަމަށެވެ.  

މަސްދުވަސްވީތަނާ މެސެޖުކޮށްފައި ބުނީ ހުކުރު ދުވަހުގެ ރޭ 8.30 އަށް މަންމަ ޢާއި ބައްޕަވެސް ގޮވައިގެން އޭނާގެ އޮފީހަށް ގޮސްދިނުމަށެވެ. މަންމަގެ ގާތުގައި އެވާހަކަ ބުނުމުން ބުނީ ފިރިމީހާގެ ދަޢުވަތު ޤަބޫލުކުރަންވާނެކަމަށެވެ. ދައްކާ ވާހަކަ އަޑުއަހަންވާނެކަމަށެވެ. އެންމެ އުފާވެރި ދިރިއުޅުމެއް ލިބެނީ ކުށް ޤަބޫލުކޮށް އިޞްލާޙްވާ ބައިވެރިންގެ ފަރާތުން ކަމަށެވެ. 

ފިރިމީހާގެ އޮފީސް ހުންނަނީ 4 ބުރި ޢިމާރާތެއްގައެވެ. ތިރީ ދެބުރިއަކީ ފިހާރައެވެ. މަތީ ދެބުރިއަކީ އޮފީހެވެ. ރޫފްޓޮޕްގައި ހުންނަނީ އުނދޯލި އެލުވައި ގަސްހައްދައި ހިތްހަމަޖެހުން ލިބޭ މައިދާނެއް ގޮތަށް ހަދައިފައެވެ.  

އަހުރެމެން ދިއުމުން މަރުޙަބާކީވެސް ފިރިމީހާއެވެ. ލިފްޓުން ގެންދިއައީ ރޫފްޓޮޕަށެވެ. އެއިރު އޭނާގެ މަންމައާއި ބައްޕަވެސް އެތަނުގައި ތިއްބެވެ. އަހުރެންގެ އަތުގައި ހިފައިގެންހުރެ އެންމެންގެ މެދަށް ދިއައެވެ. ގޮސްހުއްޓިފައި ބިންމަތީގައި ކަކޫޖައްސަނަ އުޅޭހެން ހީވުމުން ހުއްޓުވީމެވެ.  

ފިރިމީހާ ބުންޏެވެ. "ގޯސްތަކެއް ހެދިއްޖެއެވެ. ކުށްތަކެއް ކުރެވިއްޖެއެވެ. އެކަންކަން ވިސްނިއްޖެއެވެ. އެއީ ޤަޞްދުގައި ކުރި ކަންކަމެއް ނޫނެވެ. އެވާހަކަ ބާއްވާށެވެ. ތިއަތިބީ މައިންބަފައިންނެވެ. އެންމެންގެ ކުރިމަތީގައި އަހުރެންގެ ކުށަށް އިޢުތިރާފްވަމެވެ. ބުނެވުނު އެއްޗެއް ނުބުނެވޭ ކަމަކަށް އަދި ކުރެވުނު ކަމެއް ނުކުރެވޭ ކަމަކަށް ނުހެދޭނެއެވެ. އަހުރެންނަށް ކުރެވެން އޮތްކަމަކީ ދެން އެފަދަ އެއްވެސް ކަމެއް ނުކުރުމެވެ. ރީމާގެ އަގުވަޒަންކޮށްގެން އެކުގައި އުޅުމެވެ. އިރާދަކުރެއްވިއްޔާ އެކަން ކުރާނަމެވެ. އަހުރެންނާއިއެކު އެނބުރި ގެއަށް ހިނގާށެވެ."  

އޭނާގެ މައިންބަފައިންވެސް އަދި އަޅުގަނޑުގެ މައިންބަފައިންވެސް ބޭނުންވީ އެގޮތެވެ. އަޅުގަނޑުވެސް ބޭނުންވެގެން ހުރީ ހަމަ އެގޮތެވެ. އެހެންވެ އެގޮތް ޤަބޫލުކުރީމެވެ. އަދި އިތުރަށް އެކަމުގެ އެއްވެސް ވާހަކައެއް ނުދައްކަން ބުނީމެވެ. ނަމަވެސް ފިރިމީހާ ހުއްޓައެއް ނުލިއެވެ.  

"އަހުރެންނަށް އޮޅުވާލައި ވައުވެއްދި މީހާއަކަށް ދުވަހަކުވެސް މާފެއް ނުކުރާނަމެވެ. އެކަމަށް ހަމައެކަކުވެސް ބާރުއަޅައިގެން ނުވާނެއެވެ." ބުނުމުން ބުނީމެވެ. "އެއްވެސް މީހަކަށް މާފުނުކުރީމާ އެމީހާ ކުރާ ހެޔޮ ޢަމަލުތައް ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. ތިއަމީހަކަށްވެސް މާފުކުރާށެވެ! ބޭނުންނަމަ ގުޅުން ނުބާއްވާށެވެ."  

އެތަނުގައި އުފާވެރި ވަޤުތުކޮޅެއް ހޭދަކުރުމަށްފަހު ދިއައީ ގެއަށެވެ. ގެއަށް ގޮސްވެސް އެވާހަަކ ނުދައްކައި ފިރިމިހާއަކަށް ނުހުރެވުނެވެ. މައްސަލަތައް ޖެހެން މެދުވެރިވީ މަންމަގެ އެންމެ ޣާތް އެކުވެރިޔާގެ ސަބަބުންކަމަށް ބުންޏެވެ. އަދި ކުރި ކަންކަންވެސް ކިޔައިދިނެވެ. އަޅުގަނޑު ބުނީމެވެ. "ތިއަކަންކަން ތިއައޮތީ ވެނިމިފައެވެ. އެކަންކަން ހަނދާންކުރީމާވެސް ވާނީ އިތުރު އުނދަގުލެވެ."  

ކޮންމެއަކަސް އަލަތު ކައިވެނިމަތީގައި 20 އަހަރު ފުރުނީއެވެ. އެއިގެ ފަހުން ދުވަހަކުވެސް ދެމީހުންގެ މެދަކު އެއްވެސް މައްސަލައެއް ނުޖެހެއެވެ. އުޅެމުން މިދަނީ ވަރަށް ލޯބިންނެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ބައިވެރިޔާގެ ޠަބީޢަތުގައި ނުހުންނަ ސިފަތަކެއް ބައިވެރިޔާގެ ކިބައިން ފެންނަން ފަށައިފިނަމަ ރުޅި އިސްނުކޮށް ކެތްތެރިވެލާށެވެ. ބައިވެރިޔާއަށްޓަކައި ހެޔޮދުޢާ ކުރާށެވެ. މާއުފާވެރި ބަދަލެއް ލިބޭނެއެވެ. އިން ޝާ ﷲ

 

- ރީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން