ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ނިމުމާއެކު، ދެން އެންމެ އަވަހަށް ބިން ހިއްކުމުގެ މަޝްރޫޢެއް ފަށާނީ އުތުރު ތިލަފަޅުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. އުތުރު ތިލަފަޅަކީ މީހުން ދިރިއުޅުމަށާއި ސިނާޢީ އެކި މަސައްކަތްތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ސަރަޙައްދެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އުތުރު ތިލަފަޅުގައި މީހުން ދިރިއުޅުމަށް ޚާއްސަ ސަރަޙައްދެއްގެ އިތުރުން، ސިނާޢީ މަސައްކަތްތަކާއި "ހޯޕް އައިލެންޑް" ވެސް އެ ރަށުގައި ތަރައްޤީ ކުރައްވާނެ ކަމަށެވެ. މިއީ މާލެ ސަރަޙައްދުގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅުއްވާ މުހިންމު ތަޞައްވުރެއްގެ ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އުތުރު ތިލަފަޅުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އެއް މަޝްރޫޢަކީ 200 ހެކްޓަރުގެ އެގްރިކަލްޗަރ އިކޮނޮމިކް ޒޯނެއް ތަރައްޤީކުރުމެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ގްރީން ހައުސްތަކުގައި ރާއްޖެއަށް އެތެރެކުރާ ބާވަތްތައް ހެއްދުމަށް ނިންމާފައިވާއިރު، ދެވަނަ ފިޔަވަހީގައި ފިޔާ އަދި އަލުވި ފަދަ ބިމު އަޑިއަށް ފައިބާ ބާވަތްތައް ހެއްދުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، ރާއްޖެއަށް ބިސް އެތެރެކުރުން ހުއްޓާލެވޭނެ ފެންވަރުގެ ބޮޑު ޕޯލްޓްރީ ފާމެއްވެސް މި ޒޯނުގައި ޤާއިމުކުރެވޭނެއެވެ.
މީގެ އިތުރުން، ކުށުގެ މާޙައުލަށް ހުށައެޅޭ ކުދިން އިޞްލާޙުކޮށް ރީހެބިލިޓޭޓް ކުރުމަށްޓަކައި "އުއްމީދު ނުވަތަ ހޯޕް އައިލެންޑް" ގެ ނަމުގައި ޚާއްސަ މަރުކަޒެއް އެރަށުގައި ބިނާކުރެވޭނެއެވެ. މި މަޝްރޫޢަށް އުތުރު ތިލަފަޅުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިތަން ފަރުމާކުރެވެނީ 700 މީހުންގެ ޖާގަޔަށް ޚާއްސަކޮށްގެންނެވެ.
މި މަޝްރޫޢުތަކަކީ ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށާއި، އިޖުތިމާޢީ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް ސަރުކާރުން ފައްޓަވާ މުހިންމު މަސައްކަތްތަކެކެވެ.