ގޯއްޗާއި ފުލެޓް ލިބޭނެ ކަމަށް ބުނެ، ސްކޭމްތަކެއް ހިންގާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ގޯއްޗާއި ފުލެޓް ލިބޭނެ ކަމަށް ބުނެ، ސްކޭމްތަކެއް ހިންގާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

'ބިންވެރިޔާ' ސްކީމްގެ ދަށުން ދޫކުރާ ގޯއްޗާއި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ދޫކުރާ ގޯއްޗާއި ފުލެޓް ލިބޭނެ ކަމަށް ބުނެ، އޮޅުވާލައިގެން ސްކޭމްތަކެއް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މިއަދު އިލްތިމާސް ކުރައްވައިފިއެވެ.

މިކަމާ ގުޅިގެން އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ގޯއްޗާއި ފުލެޓު ދިނުމުގެ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް ޢާންމުކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން، ރަސްމީ އުޞޫލުތަކުން ބޭރުން އެއްވެސް ފަރާތަކުން ހިންގާ މުޢާމަލާތްތަކަށް ސަމާލުވުމަށް ވަނީ އަންގަވާފައެވެ.

ސަރުކާރުގެ ޕްރޮގްރާމެއްގެ ދަށުން ދޫކުރާ ގޯތި ނުވަތަ ފުލެޓު ހޯދުމުގެ ގޮތުން އެއްވެސް ފަރާތަކާ ފައިސާގެ ނުވަތަ އެފަދަ އެހެން އެއްވެސް މުއާމަލާތެއް ނުކުރުމަށް ވުޒާރާގެ ބަޔާނުގައި ވަނީ ހަރުކަށިކޮށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ރަސްމީ އިޖުރާއަތްތަކުގެ ބޭރުން އެއްވެސް މުޢާމަލާތެއް ނުހިންގުމަށްވެސް ވަނީ އިރުޝާދު ދެއްވާފައެވެ.

މީގެ އިތުރުން، ސަރުކާރުގެ ގެޒެޓުގައި ޢާންމުކޮށްފައިވާ އުޞޫލެއް ނުވަތަ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ބޭރުން ގޯއްޗާއި، ފުލެޓު ހޯދުމަށް އެއްވެސް ފަރާތަކުން އެއްވެސް މުޢާމަލާތެއް ކޮށްފިނަމަ ނުވަތަ އެފަދަ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެކަން ރިޕޯޓު ކުރުމަށްވެސް މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.

މިފަދަ މައްސަލަތައް ރިޕޯޓުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެންޓި ސްކޭމް ސެންޓަރުގެ ހޮޓްލައިން ނަންބަރު 125 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

މިއަދު އޮންލައިން