މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތަކަށް ބަދަލުތަކެއް އައި ނަމަވެސް، ރާއްޖޭގެ ތެލުގެ ސްޓޮކްގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި ބައިނަލްއަގުވާމީ މާކެޓުތަކުގައި އިއްޔެ ތެލުގެ އަގު 25 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައިވެއެވެ. ދުނިޔޭގެ މަސްރަޙު މިހާރު އޮތް ގޮތުން ތަކެތީގެ އަގަށް ބަދަލު އަންނަމުންދާ ކަމަށާއި، ނަމަވެސް ރާއްޖެއިން ފިޔަވަޅުތައް އަޅަމުންދަނީ އެފަދަ ކަންކަމަށް ވަރަށް ބޮޑަށް ވިސްނައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ތެލުގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "އިއްޔެ ރައީސް ފާހަގަކުރެއްވި ގޮތަށް އަޅުގަނޑުމެންނަށް އަދި އެއްވެސް ކަންބޮޑުވުމެއް ނެތް. ކުރުކޮށް ދަންނަވާ ނަމަ ތެލަކަށް ނުޖެހޭނެ، އިރާދަކުރެއްވިއްޔާ. އެލްޕީޖީ ވެސް އަދި ތެޔޮ ވެސް ހިމަނައިގެން މި ދެންނެވީ." މިފަދައިންނެވެ.
ސަރުކާރުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތަކީ ތެޔޮ ރައްކާކުރާނެ ކެޕޭސިޓީ އިތުރުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖެ އަންނަ ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތްކުރާ އާބާދީ އިތުރުވަމުންދާތީ، އެ ހުރިހާ އެންމެންނަށް ބޭނުންވާ މިންވަރަށް ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖެއަށް މުދާ އެތެރެކުރުމުގައި އިތުރު ރޫޓުތައް ބަލަމުންދާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އާބާދީއާއި ފަތުރުވެރިންގެ އަދަދު އިތުރުވުމާ ގުޅިގެން މުދާ ބޭނުންކުރާ މިންވަރު ކުރިއަށްވުރެ އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން، މުސްތަގުބަލަށް ވިސްނައި ކުރިން މުދާ ރައްކާކުރާ މިންވަރަށްވުރެ އިތުރަށް މުދާ ރައްކާކުރެވޭނެ އިންތިޒާމުތައް ރާވަމުންދާ ކަމަށް ވިދާޅުވެ ވަޒީރު ވަނީ ޔަގީންކަން ދެއްވާފައެވެ.