ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކުރި ޑިޖިޓަލް ވޮލެޓް "ސްވައިޕް" އަކީ ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓުގެ ގޮތުގައި ހަމަޖައްސައި، އެކަމާ ގުޅޭ ސްޓްރެޓިޖިކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. ބީއެމްއެލް ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ. ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ އެންމެ ފަހުގެ ޓެކްނޮޖަލީގެ އެހީގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމެވެ. ސްވައިޕް އަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ ސައްތަ އިން ސައްތަ ދިވެހި އުފެއްދުމެކެވެ. މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ފައިސާގެ މުއާމާލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ޝަރުތުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ.
ސްވައިޕް ވޮލެޓް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެއެވެ. ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް، ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް މި ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ނިމިދިޔަ ޖަނަވަރީ މަހު ލިމިޓެޑް ރިލީޒަށް ހުޅުވާލުމަށް ފަހު، މިހާރު ކަސްޓަމަރުންނަށް ޕަރސަން-ޓުޕަރސަން ޓްރާންސްފަރ، ކިއުއާރް ޕޭމަންޓް، އަދި އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސް ހިސާބުތައް ބަލާލުމުގެ ފުރުސަތު ވަނީ ލިބިފައެވެ.
މީގެ އިތުރުން، ޕޭމަންޓް ލިންކް ޝެއާކޮށްގެން ފައިސާ ހޯދުމާއި، ފަސޭހައިން ޓޮޕް އަޕްކޮށް ފައިސާ ނެގުން ފަދަ ޒަމާނީ ޚިދުމަތްތައް ވެސް ސްވައިޕް މެދުވެރިކޮށް ލިބިގެންދާނެއެވެ. މިއީ ފަތުރުވެރިންނަށް ރާއްޖޭގައި އުޅޭއިރު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.
މި އެއްބަސްވުމަކީ މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް އާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު ގާއިމުކުރެވުނު ސްޓްރެޓިޖިކް ޕާޓްނަރޝިޕްގެ ދަށުން ކުރިއަށް ގެންދެވުނު މުހިންމު ފިޔަވަޅެކެވެ. މި ޕާޓްނަރޝިޕްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި ޑިޖިޓަލް ކުރިއެރުންތައް އަވަހަށް ފޯރުކޮށްދިނުމަށާއި، މަސައްކަތުގެ ހިންގުން ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެއެވެ.
މި މަސައްކަތުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މަގުބޫލުކަން އިތުރުކޮށް، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމެވެ.