ރ. އިންނަމާދޫގައި ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން (ޓިވެޓް) ސެންޓަރެއް ތަރައްޤީކުރުމަށާއި، އެ އަތޮޅު ހުޅުދުއްފާރުގައި އެކޮމަޑޭޝަން ފެސިލިޓީއެއް ބިނާކުރުމަށް ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ޙައިދަރު އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މި އެއްބަސްވުންތަކުގެ ދަށުން އިންނަމާދޫގައި ޓިވެޓް ސެންޓަރު ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ސެންޓަރލައިން ކުންފުންޏާއެވެ. އަދި ހުޅުދުއްފާރުގައި އެކޮމަޑޭޝަން ފެސިލިޓީ ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ.
އިންނަމާދޫގައި ޤާއިމްކުރާ ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރަކީ ޚާއްސަކޮށް ބޯޓް-ބިލްޑިންގ ނުވަތަ އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާއިން މީހުން ތަމްރީންކުރުމަށް އަމާޒުކޮށްގެން ބިނާކުރާ ތަނެކެވެ. މި ސެންޓަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ޕްރީ-ފެބް އުސޫލުން، އިންސްޓިޓިއުޓަކަށް ބޭނުންވާނެ އެންމެހާ މުހިއްމު ވަޞީލަތްތަކާއެކުގައެވެ.
މި މަޝްރޫޢުތަކަކީ ރަށްރަށުގައި ތިބެގެން ދަރިވަރުންނަށް މަތީ ތަޢުލީމާއި ތަމްރީން ހޯދޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަސައްކަތްތަކެކެވެ. މީގެ ސަބަބުން ރަށްރަށުގެ ޒުވާނުންނަށް އަމިއްލަ ރަށުގައި ތިބެގެން ފަންނީ ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ފުޅާވެގެންދާނެއެވެ.