ދަނޑުވެރިކަމުން އުފައްދާ ތަކެތި ބާޒާރަށް ނެރުމަށް ށ. ގޮއިދޫގައި ޤާއިމްކުރި ފެސިލިޓީ މިއަހަރުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމާއެކު ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ސިނާއަތެއް ބިނާކުރުމުގެ އިތުރުން ޖަނަވާރުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެ ވުޒާރާގެ އަމާޒަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކަށް ތައްޔާރުވެފައިވާ، ޒަމާނީ ދަނޑުވެރިކަމުގެ ނިޒާމެއް ރާއްޖޭގައި ޤާއިމްކުރުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ގޮއިދޫގައި ޤާއިމްކޮށްފައިވާ މި ޕްރޮސެސިން ފެސިލިޓީއަކީ ޔޫއެންޑީޕީން ޖަޕާނު ސަރުކާރުގެ އެހީއާއި ދަނޑުވެރިކަމާއި ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ "ލައިވްލިހުޑް އެންހޭންސްމަންޓް އޮފް ސްމޯލް ސްކޭލް ފާރމާސް އިން ސާރކް ރީޖަން ތްރޫ ސްމޯލް ސްކޭލް އެގްރޯބިޒްނަސް ފޯކަސިން އޮން ވެލިޔު ޗެއިން ޑިވެލޮޕްމަންޓް" މަޝްރޫޢުގެ ދަށުން ބިނާކޮށްފައިވާ ތަނެކެވެ. މި ފެސިލިޓީގެ އިމާރާތްކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ބޭނުންވާ މެޝިނަރީސް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ފެސިލިޓީއަކީ ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަށް އަގުއެއްކޮށްގެން، އިތުރު އުފެއްދުންތައް އުފެއްދުމަށް ޚާއްޞަކޮށްގެން ޤާއިމްކުރާ ތަނެކެވެ. މިފަދަ އުފެއްދުންތަކުގެ ސަބަބުން، ދިވެހި ދަނޑުވެރިން ހައްދާ ކާބޯތަކެތީގެ ބާވަތްތައް ބައިނަލްއަޤްވާމީ މާކެޓްތަކުގައި ވިއްކުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
މި މަޝްރޫޢުގެ ސަބަބުން ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތަކުން ލިބޭ އާމްދަނީ އިތުރުވެ، ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ. މިއީ ރާއްޖޭގެ ކުދި ދަނޑުވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ.