އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ކުރިމަތިލުމަށް އިތުރު ފުރުޞަތެއް ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ކުރިމަތިލުމަށް އިތުރު ފުރުޞަތެއް ދީފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން އިތުރު ފުރުޞަތެއް ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މާދަމާ ހަވީރު 15:00 އެވެ. މިއީ އިންތިޚާބުގެ ކަންކަން ގާތުން ބަލައި އިންސާފުވެރިކަން ކަށަވަރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދެވުނު ފުރުޞަތެކެވެ.

މޮނިޓަރަކަށް ވުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހެނީ ނޫސް މަޖައްލާތަކާއި ޚަބަރު ފަތުރާ އިދާރާތަކުން ކަނޑައަޅާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް ކޮމިޝަނުގެ މައި ޕޯޓަލަށެވެ. މީޑިއާތަކުން ޑޭޓާ ލިއޭޒަނަކަށް ވުމަށް އެދޭ ފޯމާއެކު، މީޑިއާގެ ރަޖިސްޓަރީ ނުވަތަ ލައިސަންސް ކޮޕީ އަދި ލިއޭޒަންގެ އައިޑީކާޑު ކޮޕީ އީމެއިލް ކުރަން ޖެހެއެވެ.

ކޮންމެ މީޑިއާ އިދާރާއަކަށްވެސް ވޯޓުލާ އަދި ވޯޓު ގުނާ ކޮންމެ ސަރަޙައްދަކަށް ހުއްދަ ދެވޭނީ އެކަކަށްވުރެ އިތުރުނުވާ ގޮތަށެވެ. އަދި ވޯޓުލާ މަރުކަޒެއްގައި އެއްފަހަރާ ހަރަކާތްތެރިވެވޭނީ ކޮންމެ މީޑިއާއަކުން އެންމެ މޮނިޓަރަކަށެވެ.

އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ސިޔާސީ ޕާޓީތަކަށާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ވަނީ ހުޅުވާލާފައެވެ. ސިޔާސީ ޕާޓީތަކުން އޮބްޒާވަރުން ހުށަހަޅާނީ ސިމެދަ ޕޯޓަލް މެދުވެރިކޮށް އެ ޕާޓީއަކަށް ދީފައިވާ ލޮގިން ބޭނުންކޮށްގެންނެވެ.

ޖަމްޢިއްޔާތަކުން އޮބްޒާވަރުންގެ ފޯމު ހުށަހަޅާނީ އެ ފަރާތްތަކުން ކަނޑައަޅާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް މައި ޕޯޓަލުންނެވެ. އަދި އަމިއްލަ ގޮތުން އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތްތަކަށްވެސް އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް އެ ކޮމިޝަނުން މަޢުލޫމާތު ދެއެވެ.

މިއަދު އޮންލައިން