ސްޓެލްކޯގެ ސަބްސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ޕޯސްޓަރު ހަރުނުކުރުމަށް އެދިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ސްޓެލްކޯގެ ސަބްސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ޕޯސްޓަރު ހަރުނުކުރުމަށް އެދިއްޖެ

ސްޓެލްކޯގެ ސަބްސްޓޭޝަން އިމާރާތްތަކުގެ ފާރުތަކާއި، ޑިސްޓްރިބިއުޝަން ފޮށިތަކުގެ ބޭރުގައި ޕޯސްޓަރާއި ސްޓިކަރ ފަދަ ތަކެތި ހަރުނުކުރުމަށް އެ ކުންފުނިން މިއަދު އިލްތިމާސްކޮށްފިއެވެ.

ސްޓެލްކޯއިން ވިދާޅުވީ، އެ ކުންފުނިން ޚިދުމަތްދޭ އިމާރާތްތަކާއި، ސަބްސްޓޭޝަން ޢިމާރާތްތަކުގެ ފާރުތަކުގެ ބޭރުގައި އަދި ޑިސްޓްރިބިއުޝަން ފޮށިތަކުގެ ބޭރުގައި އެކި ފަރާތްތަކުން ޕޯސްޓަރު، ސްޓިކަރ ފަދަ ތަކެތި ތަތްކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން، ޑިސްޓްރިބިއުޝަން ފޮށިތަކުގައި އެއްޗެހި ތަތްކުރުމުގެ ސަބަބުން އެ ފޮށިތައް ހުޅުވައި، މަރާމާތު ކުރުމުގެ މަސައްކަތްތަކަށް (މެއިންޓެނަންސް) ބޮޑެތި ދަތިތަކެއް ދިމާވަމުންދާ ކަމަށް ސްޓެލްކޯއިން ފާހަގަކުރެއެވެ.

މީގެ އިތުރުން، ސަބްސްޓޭޝަން ޢިމާރާތްތަކުގެ ބޭރުގައި ހަރުކޮށްފައިވާ އިންޒާރު ނުވަތަ ނުރައްކާ ބޯޑުތަކުގެ މަތީގައި ސްޓިކަރާއި ޕޯސްޓަރު ތަތްކުރުމުގެ ސަބަބުން، ރައްކާތެރިކަމާއެކު ދެމެހެއްޓެނެވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅެމުންދާ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.

އެހެންކަމުން، ސްޓެލްކޯގެ ޚިދުމަތްދޭ ޢިމާރާތްތަކާއި، ސަބްސްޓޭޝަންތަކުގެ ފާރުތަކުގެ ބޭރުގައި އަދި ޑިސްޓްރިބިއުޝަން ފޮށިތަކުގެ ބޭރުގައި ޕޯސްޓަރާއި ސްޓިކަރ، އަދި މިނޫނަސް އެއްވެސް އެއްޗެއް ތަތްނުކުރުމަށް އެ ކުންފުނިން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

މިއަދު އޮންލައިން