ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރެވުނު ހަރަދުތަކަށް ބަލާއިރު، 1.9 ބިލިއަން ރުފިޔާ ބަޖެޓް އަރަނީގެ ގޮތުގައި ރެކޯޑް ކުރެވި، ބޭރު ފައިސާގެ އާމްދަނީ 222.8 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާ އިން ހާމަކޮށްފިއެވެ. މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ އިން އާންމުކޮށްފައިވާ 2026 ވަނަ އަހަރުގެ 8 ވަނަ ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ދައުލަތުގެ މާލީ ހާލަތު ވަނީ ބޮޑުތަނުން ރަނގަޅުވެފައެވެ.
މި އަހަރުގެ 1 ޖެނުއަރީން ފެށިގެން 26 ފެބްރުއަރީގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 7.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މި މުއްދަތުގައި ދައުލަތުން ކުރި ޖުމްލަ ހަރަދަކީ 5.9 ބިލިއަން ރުފިޔާއެވެ. އެހެންކަމުން، މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 1.9 ބިލިއަން ރުފިޔާގެ ސާޕްލަސް އެއް ވަނީ ރެކޯޑުކުރެވިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 6.0 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 29.3 އިންސައްތައިގެ ކުރިއެރުމެކެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ 83 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބުނު ފައިސާއެވެ. ޓެކުހުގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 30.6 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވެނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިންނެވެ. ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 39.4 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ އިތުރުން، ޖުމްލަ ޖީ.އެސް.ޓީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 32.1 އިންސައްތަ އިތުރު އަދަދެކެވެ. އަދި ވިޔަފާރި އާއި މުދަލުން ނަގާ ޓެކުހުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.
ދައުލަތުގެ ޖުމްލަ ހަރަދުތައް މިދިޔަ އަހަރާ އެއްވަރެއްގައި ހިފެހެއްޓިފައިވީ ނަމަވެސް، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހަރަދު ވަނީ 9.6 އިންސައްތަ އިތުރުވެފައެވެ. މިއަހަރުގެ މި މުއްދަތުގައި މުސާރައާއި ޕެންޝަނަށް 2.64 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި މި އިތުރުވުމަކީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން މުސާރަތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން އައިސްފައިވާ ބަދަލެކެވެ.