ފުރަތަމަ މިކިޔައިދެނީ ކުޑަޙާދިސާއެކެވެ. އެކުވެރިއަކު އެކަނިވެރިމައަކާއި ބައްދަލުކޮށް ޙާލުއެހުމުން އުލެންޖެހިފައިވަނީ ދަތިޙާލުގައި ކަމަށް ބުނުމުން ނުކުމެގެން ގޮސްފައި އައީ ބައިވަރު އެއްޗެތި ގަނެގެންނެވެ. ހަދިޔާއެއް ކަމަށް ބުނެ އެއްޗެތިދީފައި އެރޭ ދިއައީއެވެ.
3 ވަނަ ރޭ އައީ އަދި މާގިނަ އެއްޗެތި ހިފައިގެންނެވެ. އެރޭ ދާކަށް ނުއުޅުނެވެ. 9 ޖެހިއިރު އައި ގޮތަށް 11 ޖެހިއިރުވެސް ދާން ނުއުޅުމުން ނިދަން ލަސްވާކަމަށް ބުނުމުންވެސް ދާކަށް ނުއުޅުނެވެ. އެންމެފަހުން ބޭނުމަކީ ކޮބައިތޯ ސުވާލުކުރުމުން ބުނީ މިރޭ އައީ މަޑުކޮށްލަން ކަމަށެވެ. ފުރުޞަތު ދީފިނަމަ ހުރިހާ ބޭނުންތަކެއް ފުއްދައިދޭނެ ކަމަށެވެ.
ޖަވާބުގައި އަންހެން ކުއްޖާ ބުންޏެވެ. "ތިބާގެ ނިޔަތް މިއެނގުނީއެވެ. ކުރީރޭ ދިން އެއްޗެތީގެ ބޭނުންކުރެވުނީ ހަދިޔާއެއް ކަމަށް ބުނީތީއެވެ. ތިއަބާވަތުގެ އެއްވެސް ވާހަކައެއް ނުދައްކާތީއެވެ. މިހާރު ކަލޭގެ ނިޔަތް އެނގުނީމާ މިރޭ ތިއަ ގެނައި އެއްވެސް އެއްޗެއް ބޭނުމެއް ނޫނެވެ. އެއެއްޗެތި ހިފައިގެން އަވަހަށް ދާށެވެ. ދެދަރިންނާއިއެކު ބަނޑަށް މަރުވިޔަސް ތިއަގޮތަށް ދޭ އެއްވެސް އެއްޗެއް ބޭނުމެއް ނޫނެވެ. މާތް ﷲ ގެ ރަޙްމަތް ފުޅުން އަދި އަހުރެމެން މިތިބީ ކައިގެންނެވެ. މިއަށްވުރެ ދަތިޙާލެއްގައި އުޅެންޖެހުނަސް ﷲ އަށް އުރެދުމެއްވާ އެއްވެސް ކަމެއް ނުކުރާނެއެވެ. މާތް ﷲ އިން ފުދެއެވެ. އަބަދުވެސް ފުދޭނެއެވެ. އިން ޝާ ﷲ"
އޭނާ ވަރަށް ލަދުގަތެވެ. ބުންޏެވެ. "އަހުރެން މިކުރީ އިމްތިޙާނެކެވެ. ތިބާ ފާސްވެއްޖެއެވެ. އަހުރެން ބޭނުންވަނީ ތިބާއާއި ކައިވެނިކުރާށެވެ. އަހުރެންގެ ފުރަތަމަ ކައިވެނި ރޫޅުނީ އަހުރެންގެ ސަބަބަކުން ނޫނެވެ. ތިބާގެ ކިބައިގައި ތިއަހުރި ސިފައިގެ އިދިކޮޅު ސިފައިގައި ހުރި އަންހެނަކާއި ކައިވެނިކުރެވުނީތީއެވެ. ލޯބިވެގެން އުޅޭކަށްވެސް ބޭނުމެއް ނޫނެވެ. ރުހިއްޖެނަމަ ފޮނުވާނީ ހެކިވެރިންނެވެ."
އެދެމީހުންގެ ކައިވެނިކުރެވުނެވެ. އަންހެން މީހާއަށް ތަނަވަސް ފިރިއަކު ލިބުނެވެ. އެކައިވެނިމަތީގައި ދެމީހުން އުފަލުގައި އުޅެމުން ގެންދާތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. ދަރިން ލިބި ދަރިން ބޮޑެތިވެސް ވެއްޖެއެވެ.
އަހުރެންގެ މިވާހަކަކޮޅުން ޢިބްރަތް ޙާޞިލުކުރާށެވެ! ކިތަންމެ ދަތި ޙާލުގައިވެސް ﷲ ތަޢަލާގެ މަގުގައި ޘާބިތުވެއްޖެނަމަ އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން