ހުޅުމާލޭގައި ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތައް ކުރިއަށްގެންދިއުމަށްޓަކައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ތެލަސީމިއާ ސޮސައިޓީއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެޗްޑީސީގެ ހެޑް އޮފީހުގައެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު އެވެ. ތެލަސީމިއާ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ސޮސައިޓީގެ ޗެއާޕާސަން އިމާން މުހައްމަދު އެވެ.
މި އެއްބަސްވުމުގެ ދަށުން، ތެލަސީމިއާ ސޮސައިޓީގެ މަސައްކަތްތައް ހުޅުމާލޭގައި ހިންގުމަށް ބޭނުންވާ އޮފީސް ޖާގަ އެޗްޑީސީން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެޗްޑީސީއާ ގުޅިގެން ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޚާއްސަ ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ވެސް ވަނީ ނިންމާފައެވެ.
އެޗްޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި، އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ ވީހާވެސް ގިނަ ބަޔަކަށް ތެލަސީމިއާއާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގައި ތެލަސީމިއާ ކުދިން އުފަންވާ ނިސްބަތް މަދުކުރުމަށް ބާރަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.