ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު މުޅި އަހަރަށް ހުޅުވާލާގޮތަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު މުޅި އަހަރަށް ހުޅުވާލާގޮތަށް ނިންމައިފި

އެޕްލިކޭޝަން ހުށަހެޅުމަށް ވަކި ޑެޑްލައިނެއް ނުބާއްވައި، ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު މުޅި އަހަރަށް ހުޅުވާލާގޮތަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން ހާމަކުރެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، 2026 ވަނަ އަހަރުގެ ލޯނު ސްކީމަށް މުހިންމު ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. މިގޮތުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލުމަށްޓަކައި ބޭނުންވާ ޕޯޓަލް ތައްޔާރުކުރުމާއި، އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ ލޯނަށް އެދޭ ދަރިވަރުންނަށް ލުއިފަސޭހަކޮށްދިނުމެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މީގެ ކުރިން ވަކި މުއްދަތެއްގެ ތެރޭގައި ލޯނަށް އެދެން ޖެހުމުގެ ސަބަބުން ބައެއް ދަރިވަރުންނަށް އެ ފުރުޞަތު ގެއްލިގެންދާކަން ވަނީ ފާހަގަކުރެވިފައެވެ.

"މިހާތަނަށް ދަރިވަރުން ލޯނު ހޯދަން އެދި ހުށަހަޅަން ވަކި މުއްދަތެއް ކަނޑައެޅިފައި އޮތުމުން، އެ މުއްދަތުގައި ލޯނަށް އެދި ހުށަހަޅުން ބައެއް ދަރިވަރުންނަށް ދަތިވޭ. އަދި ލޯނަށް އެދުމުގެ ފުރުޞަތު ގެއްލޭގޮތް ދިމާވެފައިވާކަންވެސް ފާހަގަކުރެވޭ. މިބަދަލު ގެނައުމުގެ ސަބަބުން އަޅުގަނޑުމެން އުންމީދުކުރަނީ އެހެން ނުވާނެކަމަށް،" ވަޒީރު ޑރ. ޙައިދަރު ވިދާޅުވިއެވެ.

މީގެ އިތުރުން، މި އައު ބަދަލާއެކު ދަރިވަރުން ލޯނަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަށްވެސް ބަދަލުތަކެއް އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ނިންމުމުގެ ސަބަބުން މަތީ ތަޢުލީމަށް އެދޭ ދަރިވަރުންނަށް އެކުދިން ބޭނުންވާ ވަގުތެއްގައި ލޯނަށް އެޕްލައި ކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ.

މިއަދު އޮންލައިން