ސަރުކާރުގެ އަމާޒަކީ މިހާރު މަސައްކަތް ކުރިއަށްދާ އައިސްޕްލާންޓްތަކުގެ މަސައްކަތް ނިންމާ، މިއަހަރުގެ ތެރޭގައި އެ ތަންތަން އޮޕަރޭޝަނަށް ގެނައުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިހާތަނަށް 6 ރަށެއްގައި ޤާއިމްކުރި އައިސްޕްލާންޓްތައް ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. މިއާއެކު ރާއްޖޭގެ އުތުރާއި ހުވަދުއަތޮޅުގައި އަލަށް ޤާއިމްކުރި އައިސްޕްލާންޓްތަކުގެ ސަބަބުން އެ ސަރަޙައްދުތަކުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިހާރުވެސް ރާއްޖޭގެ 9 ރަށެއްގައި އައިސްޕްލާންޓް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ. ޢަމަލީ މަސައްކަތް ކުރިއަށްދާ ރަށްތަކުގެ ތެރޭގައި ހިމެނެނީ: ލ. މާބައިދޫ، ލ. މާވަށް، ލ. ހިތަދޫ، މ. ވޭވަށް، ޅ. ނައިފަރު، ށ. ކޮމަންޑޫ، މ. މުލައް، ކުޅުދުއްފުށި ސިޓީ އަދި ދ. ހުޅުދެލި އެވެ.
މި މަޝްރޫޢުތަކަކީ ސަޢުދީ ފަންޑުންނާއި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުތަކެއްކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ މި އައިސްޕްލާންޓްތައް ނިމުމުން މަސްވެރިންނަށް ބޭނުންވާ އައިސް ހޯދުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.