ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، އަނެއް ފަރާތަށް ގޯއްޗަކަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭ ގޮތަށް ބޯހިޔާވަހިކަމުގެ އައު ޕްރޮގްރާމެއް ސަރުކާރުން އިޢުލާންކޮށްފިއެވެ. މިކަމާ ގުޅޭ އުޞޫލު އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައެވެ.
މި އުޞޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 8 ވަނަ ދުވަހު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމަށް މިހާތަނަށް ގިނަ އަދަދެއްގެ ފަރާތްތަކުން ކުރިމަތިލާފައިވާ ކަމަށެވެ. ނަމަވެސް ފްލެޓަށް އޮންނަ ޑިމާންޑާ އަޅާބަލާއިރު ގޯއްޗަށް އޮތް ޑިމާންޑު ދަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އުޞޫލަށް ގެނައި ބަދަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "މީގައި މިވާގޮތުން ފިރިމީހާ ނުވަތަ އަނބިމީހާ ތަނެއް އޮތް ނަމަވެސް އެމީހަކަށް ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ދެވިގެން މިދަނީ. އޭރުން ފިރިމީހާ ނުވަތަ އަނބިމީހާގެ ފްލެޓެއް އޮތްނަމަވެސް މުސްތަޤުބަލުގައި ބިމެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދޭ،" ކަމަށެވެ.
މިހާރު ފުރުސަތު ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން މާލޭގެ ރަށްވެހިންނަށާއި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރާނީ ގްރޭޓަރ މާލޭ ސަރަހައްދުންނާއި ރަސްމާލެ އިންނެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ. މި އައު ބަދަލާއެކު އިތުރު ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.