ދައުލަތުގެ ޙިއްސާވާ ކުންފުނިތަކުގެ (އެސް.އޯ.އީ) ބޯޑު ސަބް-ކޮމިޓީތައް އެކުލަވައިލުމާއި ހިންގުމުގައި އަމަލުކުރާނެ ގައިޑުލައިނަކާއި، ބޯޑުގެ ކޮމިޓީތަކުގެ ނަމޫނާ ޗާޓަރެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން އެކުލަވާލައިފިއެވެ. މި އިސްލާޙުތަކުގެ މައިގަނޑު މަޤުސަދަކީ، ކުންފުނިތަކުގެ ކޯޕަރޭޓް ގަވަރނަންސް ހަރުދަނާކޮށް، ކޯޕަރޭޓް ގަވަރނަންސް ކޯޑާ އެއްގޮތަށް ކޮމިޓީތައް ހިންގާކަން ކަށަވަރު ކުރުމެވެ.
ޕީސީބީން އެކުލަވާލާފައިވާ ނަމޫނާ ޗާޓަރުގައި ކޮމިޓީތަކުގެ މަސްއޫލިއްޔަތުތަކާއި، ކޮމިޓީ އެކުލެވިގެންވާ ގޮތާއި، ޗެއާރމަންއާއި ސެކްރެޓަރީގެ ދައުރު ސާފުކޮށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ކޮމިޓީގެ ކޯރަމް ހަމަކުރުމާއި، ވޯޓުލުމުގެ އުސޫލުތަކާއި، ޔައުމިއްޔާ ބެލެހެއްޓުން ފަދަ އިދާރީ ކަންކަމުގައި އަމަލުކުރާނެ ގޮތްތަކުގެ އިތުރުން، މަސްލަހަތު ފުށުއަރާ ކަންކަމާއި ސިއްރު ހިފެހެއްޓުމާ ގުޅޭ މުހިންމު އުސޫލުތައް މި ޗާޓަރުގައި ވަނީ ހިމަނާފައެވެ.
މި ޗާޓަރު އެކުލަވައިލާފައިވަނީ އެސްއޯއީތަކުގެ ގަވަރނަންސް ކޯޑުގެ މިންގަނޑުތަކަށާއި ބައިނަލްއަޤުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ރިއާޔަތް ކޮށްގެންނެވެ. ޕީސީބީން ހާމަކުރި ގޮތުގައި މި ބަދަލުގެ ބޭނުމަކީ، ކުންފުނިތަކުގެ އެތެރޭގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް ފަސޭހަ މަގަކަށް ބަދަލު ކުރުމެވެ.
އައު ގައިޑްލައިންގައިވާ ގޮތުން، އޮޑިޓް އެންޑް ރިސްކް ކޮމިޓީއަކީ، ކޮންމެ ކުންފުންޏެއްގައިވެސް އޮތުން މަޖުބޫރު ކޮމިޓީއެކެވެ. އަދި މި ކޮމިޓީ އެކުލަވައިލުމަށް ޕީސީބީގެ ވަކި ހުއްދައެއް ހޯދާކަށް ނުޖެހޭނެއެވެ. ނަމަވެސް، އެހެނިހެން ކޮމިޓީތަކުގެ ޗާޓަރުތައް ކުންފުނީގެ ބޯޑުން ފާސްކުރުމަށްފަހު، ޕީސީބީގެ ހުއްދަ ހޯދުމަށް ހުށަހަޅަން ޖެހެއެވެ.
މީގެ އިތުރުން، ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ފާސްކޮށްފައިވާ ޗާޓަރުތަކާ އެއްގޮތަށްތޯ ކުންފުނިތަކުން ޤަވާއިދުން މުރާޖަޢާ ކުރަންޖެހޭނެ ކަމަށްވެސް ޕީސީބީން ބުނެފައިވެއެވެ. މި ގައިޑްލައިނަކީ އެސްއޯއީ ކޯޕަރޭޓް ގަވަރނަންސް ކޯޑަށް އަމަލުކުރުން މަޖުބޫރު ހުރިހާ ކުންފުނިތަކެއްގެ މައްޗަށް ހިންގާނެ އުސޫލެކެވެ.