ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ތަޢާރަފުކުރި މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓް "ސްވައިޕް" ރަސްމީކޮށް އިފުތިތާޙު ކޮށްފިއެވެ. މި ޑިޖިޓަލް ވޮލެޓަކީ ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓުގެ ގޮތުގައި ކަނޑައަޅާފައިވާ ވަސީލަތެކެވެ.
ސްވައިޕް ރަސްމީކޮށް އިފުތިތާޙު ކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ކުރިއަށްދިޔައީ ޖަރުމަނުވިލާތުގައި މިހާރު ކުރިއަށްދާ އައިޓީބީ ބާލިން ފެއާގެ ތެރެއިންނެވެ. މި ވޮލެޓް ރަސްމީކޮށް އިފުތިތާޙު ކޮށްދެއްވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއަރމަން ޙުސެއިން އަފީފް އެވެ.
ސްވައިޕަކީ ސައްތައަކުން ސައްތަ ދިވެހި އުފެއްދުމެކެވެ. މިއީ ދިވެހީން އަމިއްލައަށް އުފައްދައި ތަރައްޤީ ކޮށްފައިވާ ވޮލެޓެކެވެ. މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ފައިސާގެ މުއާމަލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަޤުވާމީ ޝަރުތުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ.
މި ވޮލެޓްގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން، ކޮންމެ ބޭންކެއްގެ ކްރެޑިޓް، ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މި އައު ޚިދުމަތާއެކު، ޑިޖިޓަލް ބޭންކިންގްގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މި ވޮލެޓް ބޭނުންކުރުމުން މުއާމަލާތްތައް ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.