މާލޭގައި ވަރަށް ކުދި ތަންތަންކޮޅުގައި، އެންމެ ދަތި ޙާލުގައި ދިރިއުޅެމުންދާ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ޚާއްޞަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމާރާތް ކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ ތަފާތު ސަބަބުތަކާ ހުރެ ގޯތި ނުހެދި، ބިންތައް ބައިކޮށްގެން ވަރަށް ކުދި ޖާގަތަކުގައި ދިރިއުޅޭ މާލެއަށް ނިސްބަތްވާ ގިނަ އާއިލާތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ މާލޭގައި ޒަމާނުއްސުރެ އޮތް ބިމުގެ ދަތިކަމާއި، ސަރުކާރުގެ އެކި ބޯހިޔާވަހިކަމުގެ ސްކީމްތަކުން ފުރުޞަތު ނުލިބި، އިތުރު ޙައްލެއް ހޯދޭނެ އެއްވެސް ގޮތެއް ނެތް އާއިލާތައްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މިފަދަ ދަތި ޙާލަތްތައް ވަރަށް ގާތުން އެނގިގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑޯރ-ޓު-ޑޯއަށް ވަޑައިގެން ރައްޔިތުންނާ ބަދަލުކުރައްވާ ވަގުތުތަކުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ ބައެއް އާއިލާތައް ދިރިއުޅެމުންދަނީ އިންސާނުން ދިރިއުޅުމަށް އެއްވެސް ވަރަކަށް އެކަށީގެން ނުވާ ފަދަ ތަންތަނުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިރިއުޅުމުގެ ޙާލަތު ބަޔާންކޮށްދެއްވަމުން ވަޒީރު ވިދާޅުވީ، "އެކަކަށް ވަދެވޭ ވަރުގެ ކުދި ގޯޅިތައް، ނޫނީ އަރިއަކަށް ހުރެ ގޮސް ވަންނަންޖެހޭ ގެތައް އެބަހުރި. އެއްވެސް ވެންޓިލޭޝަންއެއް ނެތް ކުދި ތަންތަން އެބަހުރި. އިންސާނުންނަށް ނޫޅެވޭނެ ވަރުގެ ތަންތަނުގައި ދިރިއުޅޭ އާއިލާތައް އެބަހުރި،" ކަމަށެވެ.
ސަރުކާރުގެ މިހާރުގެ އަމާޒަކީ މިފަދަ އާއިލާތަކުގެ ޙާލަތު ދެނެގަނެ، އެ އާއިލާތައް އެ ދަތި ޙާލަތުން ނެރެވޭނެ ގޮތެއް ހޯދައިދިނުމެވެ. އެގޮތުން އެފަދަ އާއިލާތަކުގެ ޙާލަތު ރަނގަޅުކޮށް، އެކަށީގެންވާ ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.