މި އަހަރުގެ ރޯދަ މަސް ނިމުމުގެ ކުރިން ސަރުކާރުގެ ޓެކްސީލައިންގެ ޚިދުމަތް ފެށުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށް ދަތުރުފަތުރާއި، މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު އަމީން ވިދާޅުވީ، ޓެކްސީލައިންގެ ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ ޓެކްސީތައް މިހާރު ރާއްޖެ ގެނައުމުގެ މަގުމަތީގައިވާ ކަމަށެވެ. މި ޚިދުމަތަކީ މާލޭގައި ޓެކްސީ ހޯދުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށާއި، ޒަމާނީ ފެންވަރުގެ ޓެކްސީ ޚިދުމަތެއް ތަޢާރަފްކޮށް މިހާރު ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ފަށާ މަޝްރޫޢެކެވެ.
ސަރުކާރުގެ ފަރާތުން މި ޚިދުމަތް ޤާއިމްކޮށް ހިންގުމަށް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މި ޚިދުމަތަށް ބޭނުންކުރާ ޓެކްސީތައް ވަނީ ރާއްޖޭގެ މާޙައުލާއި ގުޅޭގޮތަށް ޚާއްޞަ ބަދަލުތަކެއް ގެނެސް ފަރުމާކޮށްފައެވެ.
"ޓެކްސީތަކަށް ބަދަލު ގެނެސްފައިވަނީ ރާއްޖެއަކީ ޖަޒީރާ ރަށްތަކަށް އެކުލެވޭ ޤައުމަކަށްވެފައި، ޓެކްސީ އޮޕަރޭޓް ކުރަން ޖެހެނީ މޫދާއި ކައިރި ސަރަހައްދެއްގައި ކަމުން، އިލެކްޓްރޯނިކް ވަސީލަތްތަކަށް އެކަމާއި ގުޅޭ ބަދަލުތައް ގެންނަން ޖެހޭތީ،" ވަޒީރު ވިދާޅުވިއެވެ.
މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އެކި މަރުޙަލާތަކަކަށް ބަހާލައިގެން، ވަކި މިންގަނޑުތަކެއްގެ ތެރެއިންނެވެ. ސަރުކާރާއި އެމްޓީސީސީ ގުޅިގެން ކުރަމުންދާ މި މަސައްކަތުގެ ދަށުން، ރޯދަ މަސް ނިމުމުގެ ކުރިން ޚިދުމަތް އާންމުންނަށް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.