ނިލަންދޫ އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ނިލަންދޫ އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

ފ. ނިލަންދޫގައި އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ އެ ރަށުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 27 މާރޗް 2024 ގައެވެ. މި މަޝްރޫޢުގެ ދަށުން ނިލަންދޫ އެއާޕޯޓް ތަރައްޤީކުރުމަށްޓަކައި ޖުމްލަ 45.6 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، އެއާޕޯޓަށް ބޭނުންވާ ބިން އެއްކޮށް ހިއްކާ މިހާރު ވަނީ ނިމިފައެވެ. އަދި ފަޅު ފުންކުރުމާއި ވެލި އެޅުމުގެ މަސައްކަތްތަކާއެކު، މުޅި މަޝްރޫޢުގެ 74 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ބިން ހިއްކުމުގެ މަސައްކަތުގެ އިތުރުން، ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތްތައްވެސް ސައިޓުގައި މިހާރު ވަނީ ފަށާފައެވެ. މިގޮތުން 2098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ނިލަންދޫ އެއާޕޯޓަކީ އެ އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯދައިދިނުމަށާއި، އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، އެއާޕޯޓުގެ ދެން ހުރި ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތަކަށް މަގުފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން