އެއިރު އަހުރެމެންގެ ކައިވެންޏަށް 5 އަހަރެވެ. ދަރިއަކު ނުލިބެއެވެ. ދަރިއަކު ލިބޭތޯ ވަރަށް މަސައްކަތްކުރެވުނެވެ. އަބަދުވެސް ހަދަންޖެހެނީ އަހުރެންގެ ޓެސްޓްތަކެވެ. ފިރިމީހާގެ ޓެސްޓްތައް ހަދަން ޢޭނާ ބޭނުމެއް ނުވެއެވެ. ބުނަނީ އޭނާގެ އެއްވެސް މައްސަލައެއް ނުހުންނާނެ ކަމަށެވެ.
އެއްދުވަހަކު ގެއަށް އައީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ ގޮވައިގެންނެވެ. އައިސް ބުނީ ދެމީހުން ތިބީ ކައިވެނިކޮށްގެން ކަމަށާއި އަނބިމީހާ އިނީވެސް ބަލިވެކަމަށެވެ. އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ ވަރިވެގެން އަޅުގަނޑު ގެއިން ދިއުން ކަމަށެވެ.
އިތުރު އެއްވެސް އެއްޗެއް ނުބުނެ ގެއިން ނުކުމެގެން ދިއައީއެވެ. މައިންބަފައިންގެ ގާތަށެވެ. މަހެއްހައިދުވަސްވީތަނާ މީހަކު ފޯނުކުރަން ފެށިއެވެ. އެއީ ޢިއްދައިގައި އިނދެގެން ކުރަން ރަނގަޅު ކަމެއް ނޫންނަމަވެސް އޭނާއާއި ވާހަކަދެއްކުނެވެ. އެއިރު އިން ޙާލުން ހިތްހަމަޖެހުން ބޭނުންވާތީ ވާހަކަ ދެއްކުނީއެވެ.
ޢިއްދަހަމަވުމުން ދެމީހުން ބައްދަލުކުރީ އަޅުގަނޑުމެންގެ ގޭގައެވެ. ބުނީމެވެ. "ލޯބިވުމާއި ލޯބިވެގެން އުޅުމާއި ފިރިމީހާއަށްޓަކައި ޤުރްބާންވުމުގެ ހިތިރަހަ މިހުރީ އެންމެ ރަނގަޅަށް ލިބިގެންނެވެ. އެކަމަކު އެއިން އެއްވެސް ކަމަކީ އިތުރު ކައިވެންޏެއް ނުކުރާނެ ސަބަބެއް ނޫނެވެ. އެކަމަކު ބުނަންހެއްޔެވެ؟ ދެމީހުން ނުދެކެ ތިބެވެސް ދެކެވުނު ވާހަކަތަކުން އަހުރެން ތިބާދެކެ ލޯބިވަމެވެ. ތިބާ ވާހަކަދެއްކީ ތެދަށްނަމަ، ތިބާގެ ޙަޤީޤަތަކީ އެއީނަމަ އަވަހަށް ކައިވެނިކުރާށެވެ. ކައިވެނިނުކޮށް އެންމެ ރެއަކު ނުވަތަ އެންމެ ފަހަރަކުވެސް އަހުރެން ގެއިން ނެރެނެ ނުއުޅޭށެވެ. އެކަމެއް ނުކުރާނަމެވެ."
އޭނާ ބުންޏެވެ. "އަހުރެންގެ ސިފަތަކާއިބެހޭގޮތުން ދައްކާފައިވާނީ ތެދު ވާހަކަތަކެވެ. އެކަމަކު އެއްކަމެއްގައި ތެދަކަށް ނުބުނަމެވެ. އެކަމުގައި ތެދަށް ނުބުނެގެން ތިބާއަށް ލިބޭނެ ދެރައެއް ނެތެވެ. ކަންބޮޑުވާކަށްވެސް ނުޖެހޭނެއެވެ. ޙަޤީޤަތް އެނގުމުން ވާނީ އުފަލެވެ. ތިބާގެ ހުށަހެޅުން ޤަބޫލުކޮށްފީމެވެ. ހެކިވެރިން މިހާރު މިގެނުވަނީއެވެ."
ކުރުކޮށްލާނަމެވެ. ހަފްތާއެއްވީއިރު ތިބީ ކައިވެނިކޮށްގެންނެވެ. ކައިވެނީގެ ރޭ އެނގުނު ގޮތުގައި ކުރިން ޢޭނާ ހެދިދޮގަކީ ތަނަވަސް މީހަކު ނޫންކަމަށް ބުނުމެވެ. އޭނާއަކީ ތަނަވަސް މީހަކު ކަމެވެ.
އަނެއްކާވެސް 5 އަހަރު ފަހެވެ. 3 އަހަރުގެ ދަރިފުޅު ގޮވައިގެން އަލިމަސް ކާނިވާ ސަރަޙައްދުގެ ރެސްޓޯރަންޓެއްގެ މޫދު ކައިރީގައި ތިއްބައި ކުޜީގެ ފިރިމީހާ އައިސް މޭޒުކައިރީގައި ހުއްޓުނެވެ. ފިރިމީހާއަށް އިހްތިރާމްކޮށް ބޮސްއެވެ ކިޔައިގެން ވާހަކަދައްކަން ފެށިއެވެ. އަޅުގަނޑު އަޅައެއް ނުލަމެވެ. އަހުރުމެންގެ ދަރިފުޅު ފެނުމުން އެއީ ހަމަ އަހުރެމެންގެ ދަރިއެއްތޯ ސުވާލުކުރުމުން ޖަވާބުދިނީވެސް ފިރިމީހާއެވެ.
އަޅުގަނޑު ބުނީމެވެ. "އިބްރާހީމަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. އެދުވަހު ވަރިކޮށްނުދިންނަމަ އަދިވެސް އިންނަންޖެހޭނީ ދަރިއަކު ނުލިބިއެވެ." އެހެން ބުނުމުން އޭނާގެ މޫނަށް ގޮތްތަކެއްވިއެވެ. ގާތުގަ ހުރި އޭނާގެ އަނބިމީހާގެ މޫނުމަތީގައި ރޫތަކެއްވެސް ގިނަވެގެން ދިއައެވެ. އެކަމަކު ޖަވާބެއް ނުދެއެވެ. އެމީހުންގެ ދަރިފުޅު ގޮވައިގެން ދިއައީއެވެ.
އޭނާ ދިއުމުން ފިރިމީހާ ބުންޏެވެ. "އަހުރެން އޭނާގެ ވާހަކަ ތިބާގެ ގާތުގައި ނުދެއްކީއެވެ. އޭނާއަކީ ކުރިން އަހުރެންގެ މުވައްޒިފެކެވެ. ދެވަނަ ކައިވެންޏަށްފަހު ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ ޚިޔާނާތުގެ މައްސަލައެއް ކުރިމަތިވުމުން ވަޒީފާއިން ވަކިވީވެސް އަމިއްލައަށެވެ. އަހުރެން އޭނާ ވަޒީފާއިން ވަކިނުކުރީ ފަހަރެއްގައިވެސް އެއީ ބަދަލުހިފުމެއްކަމަށް ބުނުމުގެ ފުރުޞަތު ނުދޭންވެގެންނެވެ." އެއިން އެއްވެސް ވާހަކައަކަށް ޖަވާބެއް ނުދެމެވެ. ކުރީގެ ފިރިމީހާ އުޅުނީ މިހާރުގެ ފިރިމީހާގެ ވަޒީފާގައިކަން އެނގުނީވެސް އެވަޤުތުއެވެ.
އެއިގެ 10 ވަރަކަށް ދުވަސްފަހެވެ. އެއްރޭ ކާން ތިބެގެން ފިރިމީހާ ބުންޏެވެ. "ތިބާގެ ކުރީގެ ފިރިމީހާ އޭނާގެ އަނބިމީހާ ވަރިކޮށްފިއެވެ. ވަރިކުރީ ލިބިފައިހުރި ދަރިފުޅަކީ އެހެން މީހެއްގެ ދަރިއެއްކަން އެނގުމުންނެވެ." އެކަން އެނގުނީ ކިހިނަކުންތޯ ސުވާލުކުރުމުން ބުންޏެވެ. "ތިބާއަށް ދަރިއަކު ލިބުނުކަން އެނގުމުން ޝައްކުވީއެވެ. އެހެންވެ އޭނާ ޓެސްޓްކުޜިއެވެ. ޓެސްޓްތަކުން އެނގުނީ އޭނާއަކީ ދަރިއަކު ލިބޭނެ މީހެއް ނޫންކަމެވެ." ތިއަ ކަންކަން ތިއަހާ ބަރާބަރަށް އެނގުނީ ކިހިނަކުންތޯ ސުވާލުކުރުމުން ބުންޏެވެ. "މުވައްޒިފުންގެ ފަރާތުންނެވެ."
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މިފަދަ އެންމެ ގާތް އެކުވެރިން ވަރަށް ގިނަވެއްޖެއެވެ. އަދި ދަރިފުޅުގެ ބައްޕަ ނޫން މީހުން ލައްވައި ދަރިފުޅަށް ބައްޕަ ކިޔުއްވާ އަންހެނުންވެސް ވަރަށް ގިނަވެއްޖެއެވެ. ސަމާލުވާށެވެ!
ދެން ބުނެލަން ބޭނުންވަނީ އަޅުގަނޑަކީ ކުޑައިރުންސުރެ ތަޤްވާވެރި އަންހެނެކެވެ. ކުށެއްނެތި ނިކަމެތިކޮށްލީމާ ބަހެއް ނުބުނެ ގެއިން ނުކުތީ އޭނާއަށްވުރެ މާރަނގަޅު ފިރިއަކު ދެއްވަވާނެ ކަމުގެ ޔަޤީންކަމުގަ ހުޜީމައެވެ. ހުރިހާ އަންހެނުންވެސް ތަޤްވާވެރިވާށެވެ! ދެރަގޮތެއް މެދުވެރިއެއް ނުކުރައްވަވާނެއެވެ! އިން ޝާ ﷲ
- ނަޝްވާ / މިއަދުނޫހުގެ ކިޔުންތެރިއެއް