ޢިބްރަތްތެރި ވާހަކަ: ނުބައިކަމުގަ ހައްދު ފަހަނައަޅާފަ ހުރި މައިދައިތައަކަށް ޖެހުނު ޙާލާ އޭނާގެ ނުބައިކަން ބޭޒާރުވިގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ޢިބްރަތްތެރި ވާހަކަ: ނުބައިކަމުގަ ހައްދު ފަހަނައަޅާފަ ހުރި މައިދައިތައަކަށް ޖެހުނު ޙާލާ އޭނާގެ ނުބައިކަން ބޭޒާރުވިގޮތުގެ ވާހަކަ-

ފުރަތަމަވެސް ފާހަގަކޮށްލާނަމެވެ. ހުރިހާ މައިދައިތައިންނެއް ނޫނެވެ. މައިދައިތައިންގެ ތެރޭގައި މަންމަ ފަދަ އަންހެނުންވެސް ތިބެއެވެ. ނަމަވެސް ބައެއް މައިދައިތައިން ހައްދުފަހަނައަޅައި ދަނީއެވެ. އެމީހުން އެހައި ނުބައިކޮށް ކަްނކަންކުރާއިރު އެމީހުންނަށް ވިސްނައިނުލެވޭ ކަމެއްވެސް އެބައޮތެވެ. އެއީ ތިމާގެ އަންހެން ދަރިފުޅަށް ގޮސް ވަންނަންޖެހޭ ގެއިން ތިމާގެ ދަރިފުޅަށް އެހައި ނުބައިކޮށް ކަްނކަން ކުރާނަމަ ތިމާއަށް ކުރާނެ އަސަރެވެ.  

ތިރީގައިވާ ވާހަކަވިދާޅުވެލައްވާށެވެ! ނުބައި މައިދައިތައިންނަށް ފިލާވަޅަކަށްވާނެއެވެ. ކަރުނައަޅަމުންދާ ޅީދަރިންނަށް ހިތްވަރަކަށްވާނެއެވެ. އިން ޝާ ﷲ  

ގިނަ އަންހެނުން ފަދައިން ކައިވެންޏަށްފަހު އަޅުގަނޑުވެސް ބޭނުންވީ ވަކިދިރިއުޅެކެވެ. ނަމަވެސް އަދި އެއިރު ފިރިމީހާ ގަނެފައިވާ ފްލެޓް ނުނިމޭތީ ދުވަސްކޮޅަކަށް ފިރިމީހާގެ މަންމަ ނުވަތަ މައިދައުތަ އާއިއެކުގައި ދިރިއުޅެން ޖެހުނެވެ.  

ބައެއް މައިދައިތައިން ކުރާ ނުބައި ކަންކަމުގެ ވާހަކަ އަބަދުވެސް އަޑުއިވެއެވެ. އަޅުގަނޑަށް ލިބުނީ އެކަމުގައި އަރާހުރި މައިދައިތައެކެވެ. އޭނާގެ މަސައްކަތަކީ އަޅުގަނޑަށް އަމުރުކުރުމާއި ކުށްދެއްކުމެވެ. ދައްކާނެ ކުށެއް ނުފެންނަ ދުވަސްދުވަހު ކުށް އުފައްދައިގެންވެސް ދައްކައެވެ.  

ޤަބޫލުރަން އުނދަގޫވެދާނެއެވެ. ނަމަވެސް ކައްކަން އުދާފައި ހުއްޓާ ސިއްރުން އެއަށް މިރުސް ނުވަތަ ލޮނުފަދަ އެއްޗެތި އެބަ އަޅައެވެ. އެއްޗެތި ދޮވެފައި ހިއްކަން އަޅާފައި ހުއްޓާ އެއިގައި އެބަ ލައްޖައްސުވައެވެ. ހެނދުނު އޮފީހަށްދާން ފިރިމީހާގެ ބޫޓު ޕޮލިސްކޮށްދީފައި ބެހެއްޓީމާ އެބޫޓު އެބަ ހަޑިކުރެއެވެ.  

އަޅުގަނޑުގެ ފިރިމީހާއަށް ކަންކަން ވިސްނޭތީ އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް ކައްކާ އެއްޗެތީގެ ރަހަ ނުބައިވީމާ ކާން އުނދަގޫވާނެތާއެވެ. ދޮވެފައި ހުންނަތަކެތި ހަޑިކުރީމާ އަލުން ދޮންނަން އުނދަގޫވާނެތާއެވެ. މިފަދަ އެތައް ކަމެކެވެ.  

އެޙާލަތުން އަޅުގަނޑަށް ސަލާމަތްކަން ދެއްވެވުން އެދި ދުޢާކުރަމުން ގެންދަނިކޮށް އެއްދުވަހަކު މައިދައިތަ ފައިކައްސާލައިގެން ވެއްޓި ފަޔަށް އަނިޔާވެގެން ޕްލާސްޓަރު އަޅަންޖެހިއްޖެއެވެ. ނުހިނގޭނެ ގޮތް މެދުވެރިވެއްޖެއެވެ. އަޅުގަނޑަށް ވެވުނުހައި ރަނގަޅަކަށް ޚިދުމަތްކުރީމެވެ. ހެޔޮދުޢާކުރީމެވެ.  

އެހިސާބުން ކައްކާ އެއްޗެތީގެ ރަހަ އޮންނަނީ މީރުވެފައެވެ. އެހެން އުނދަގޫތައްވެސް ކެނޑިއްޖެއެވެ. ފިރިމީހާއަށް ހުރިހާ ކަންކަން ޔަޤީންކުރެވިއްޖެއެވެ. ނަމަވެސް ފިރިމީހާ، އޭނާގެ މަންމައަށް އެންމެ ބަހެއްވެސް ނުބުނެއެވެ. އަޅުގަނޑުވެސް އެއްވެސް އެއްޗެއް ނުބުނަމެވެ. މައިދައިތަ ގަދަވެގެން ހުންނަނީ ވަރަށް ލަދުންނެވެ. ކުރަމުން އައި ހުރިހާ ކަންކަން ފަޅާއަރައިފިކަން އެނގުމުންނެވެ.  

އަޅުގަނޑު ހިތަށް އަރައެވެ. ހަމަގައިމުވެސް މައިމީހާއަކަށް އޭނާގެ އަމިއްލަ ދަރިފުޅާ ކައިވެނިނުކުރެވޭނެއިރު ދަރިން ކައިވެނިކުރާ އަނބިންނަށް އެހައި ބޮޑަށް ހަސަދަވެރިވަނީ ކީއްވެގެން ހެއްޔެވެ؟ ޤިޔާމަތް ދުވަސް އޮތީ ކުރިއަށް ނޫންހެއްޔެވެ؟ ފާފަވެރިނުވާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟  

ހަމަގައިމުވެސް އަޅުގަނޑު ވާނީ އަޅުގަނޑުގެ ދަރިން ކައިވެނިކޮށްގެން ގެއަށް ގެންނަ އަނބިމީހާގެ ބެސްޓްފްރެންޑަށެވެ. އެންމެ ގާތް އެހީތެރިޔާއަށެވެ! އިން ޝާ ﷲ

 

- ސަލީމާ ސަޢީދު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން