ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް "ވަށަނި" އިފްތިތާހްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 10ސ
ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް "ވަށަނި" އިފްތިތާހްކޮށްފި

ސްޓެލްކޯގެ ކަރަންޓާއި ގުޅުންހުރި ހުރިހާ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ކަސްޓަމަރ ސަރވިސް ޕޯޓަލް "ވަށަނި" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރުއެވެ.

ޚިދުމަތްތައް ވަށާޖެހި، ފަސޭހަކަމާއެކު އެއްތަނަކުން ލިބެންހުންނަ މި ޕޯޓަލްގައި އީފާސް މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކޮށްލެވޭނެއެވެ. މި ޕޯޓަލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ކަރަންޓުގެ ޚިދުމަތްތަކަށް އެދުމާއި ފައިސާ ދެއްކުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޔޫ.އާރް.އޭ ގެ އިލެކްޓްރިކަލް އިންޖިނިއަރިންގ ލައިސަންސް އޮންނަ ފަރާތްތަކަށް، އެ ފަރާތެއްގެ ނަމުގައި ހުށަހެޅޭ ޚިދުމަތްތަކުގެ ފޯމުތައް ބަލައިގަނެ، އެޕްރޫވް ކުރުމުގެ ފުރުޞަތުވެސް މި ޕޯޓަލްގެ ތެރެއިން ލިބިގެންދާނެއެވެ.

ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ މައުލޫމާތާއި، ކުރިން ހޯދާފައިވާ ހިދުމަތްތަކުގެ ތަފްސީލުގެ އިތުރުން، ހިދުމަތްތަކުގެ މަރުހަލާތައް ކުރިއަށްދާގޮތުގެ އަދާހަމަ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ފޯނަށް ލިބޭނެ އިންތިޒާމުވެސް ވަނީ ފަހިކޮށްފައެވެ.

ޕޯޓަލް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޑރ. އަލީ އަޒުވަރު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަވާ މޯލްޑިވްސް 2.0 އަދި ރާއްޖޭގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމާއި ގުޅިފައިވާ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. "ވަށާ ޖެހޭ ހިދުމަތެއް. އަޅުގަނޑުމެންގެ ހިދުމަތް އޮންލައިން ކުރެވި ޕޭޕަރލެސް ސިސްޓަމަކަށް މިވެގެން މިދިޔައީ. މިއީ އަޅުގަނޑުމެން ދުވަސްތަކެއް ވަންދެން ކުރަމުން އައި އުއްމީދެއްގެ ނިމުން. އެހެން ވީމަ މިއަދަކީ ވަރަށް ފާހަގަކޮށްލެވޭ ކުންފުނީގެ ހަޔާތުގައި މުހިއްމު ދުވަހެއް ކަމަށް އަޅުގަނޑު ދެކެނީ.." ޑރ. އަޒުވަރު ވިދާޅުވިއެވެ.

އަޒުވަރު އިތުރަށް ވިދާޅުވީ، މި ހިދުމަތަކީ އާންމުން ބަލައިގަންނާނެ، އަދި ކުންފުނީގެ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ލުއިފަސޭހަކަމާއެކު ލިބިގެންދާނެ ހިދުމަތެއް ކަމަށެވެ. އަދި މި އިންޑަސްޓްރީގައި އޮންލައިންކޮށް ހިދުމަތް ދިނުމުގައި އެހެން ހަރުފަތަކަށް ގެންގޮސްދޭ މަސައްކަތަކަށް މިކަން ވާނެ ކަމަށާއި، ސްޓެލްކޯގެ ހިދުމަތްތަކަކީ 24 ގަޑި އިރު ދޭ ހިދުމަތަކަށް ވުމުން އެ ފަސޭހަ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން