އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސެލްގެ އަގު ބޮޑުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސެލްގެ އަގު ބޮޑުކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލާއި ޑީސެލްގެ އަގު މިއަދުން ފެށިގެން ބޮޑުކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ. އެސްޓީއޯއިން ތެލުގެ އަގަށް މި ބަދަލު ގެނެސްފައިވަނީ މެދުރިއިރުމަތީގައި ހިންގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައެވެ.

އެސްޓީއޯއިން އާންމުކޮށްފައިވާ އާ އަގުތަކަށް ބަލާއިރު، ޕެޓްރޯލް ލީޓަރަކުން ވަނީ 2.51 ރުފިޔާ ބޮޑުކޮށްފައެވެ. މީގެ ކުރިން 13.50 ރުފިޔާއަށް ވިއްކަމުން ދިޔަ ޕެޓްރޯލް ލީޓަރެއް މިއަދުން ފެށިގެން ލިބޭނީ 16.01 ރުފިޔާ އަށެވެ.

ޕެޓްރޯލްގެ އިތުރުން ޑީސެލްގެ އަގަށް ވެސް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. ކުރިން 13.92 ރުފިޔާއަށް ވިއްކި ޑީސެލް ލީޓަރަކުން 3.62 ރުފިޔާ ބޮޑުކޮށް، މިއަދުން ފެށިގެން ޑީސެލް ލީޓަރެއް ވިއްކާނީ 17.54 ރުފިޔާ އަށެވެ. މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ގެނައި ބަދަލެއް ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް، ސަރުކާރުން ވަނީ ދިވެހި ރައްޔިތުންނަށް ދަތިކަމެއް ނެތި ތެލާއި ގޭސް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެސްޓީއޯއިން އަބަދުވެސް މަސައްކަތް ކުރަނީ ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާ އެއްގޮތަށް، ރައްޔިތުންނަށް ވީހާވެސް ލުއި އަގުތަކެއްގައި ހިދުމަތް ފޯރުކޮށްދިނުމަށެވެ.

މިއަދު އޮންލައިން