އައު 5 މަންޒިލަކުން ރާއްޖެއަށް ދަތުރުތައް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
އައު 5 މަންޒިލަކުން ރާއްޖެއަށް ދަތުރުތައް ފަށައިފި

އައު ފަސް މަންޒިލަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މެދުއިރުމަތީގެ މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ކުރަމުންދާ އަސަރުތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.

ވަޒީރު އަމީން ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް އޭގެ ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށެވެ. ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް ވުމާއެކު، މި ހާލަތުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް، މި އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުގެ ހާލަތާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ލިމިޓެޑް އޮޕަރޭޝަންތަކެއްގެ ދަށުން ބައެއް ފްލައިޓްތައް މިހާރު ދަތުރުކުރަން ފަށާފައިވާ ކަމަށެވެ. "މިހާލަތާއެކު ކޮންމެސް ވަރަކަށް ކޮމާރޝަން ފްލައިޓްތައް އޮޕަރޭޓް ކުރެވެން ފަށައިފި. ރޭގައިވެސް އެމިރޭޓްސްގެ ފްލައިޓްއެއް ރާއްޖެއައި. ރެސްކިއު ކުރުމައްޓަކައި، ވަރަށް ކުޑަ ކުޑަ ދާއިރާއެއްގައި ކޮރިޑޯއެއް ހުޅުވައިގެން އޮޕަރޭޓް ކުރަމުން ދަނީ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި ޝާރްޖާ އެއާޕޯޓުގައިވެސް ވަކި ކޮރިޑޯއެއްގެ ތެރޭގައި މަދު ދަތުރުތަކެއް ކުރަމުންދެއެވެ. އަދި ޖާގަ އޮތް މިންވަރަކުން ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ ކަމަށާއި، މިއީ މަޑުމަޑުން ފެންނަމުންދާ ފާހަގަކޮށްލެވޭ ރަނގަޅު ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާލަތުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ޚާއްޞަ ޓީމެއްގެ ބެލުމުގެ ދަށުން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިއީ އިޤްތިޞާދީ ގޮތުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

މިއަދު އޮންލައިން