ހއ. އުލިގަމުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ޔޮޓް މެރީނާ ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޓް (އެމްޕީއެލް) އިން މިއަދު އިއުލާނުކޮށްފިއެވެ. މިއީ އެ ރަށުގެ އިގްތިސާދީ ކުރިއެރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
އެމްޕީއެލްއިން ވިދާޅުވީ އުލިގަމު ޔޮޓް މެރީނާ ޑިޒައިންކުރުމާއި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަަށާއި، އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީހަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ. މި މަސައްކަތަށް އަގު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު 1:00 ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން އުލިގަމުގައި ޔޮޓް މެރީނާ ތަރައްޤީކުރުމަށް ވަކި ހާއްސަ ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. އެމްޕީއެލްއިން މައުލޫމާތު ދޭ ގޮތުގައި، މޫދުގައި އަޅާ ފްލޯޓިން ޕްލެޓް ފޯމް 3 މީޓަރު ފުޅާވާނެއެވެ. އަދި މި ސަރަހައްދަށް ކައިރިކުރެވޭނީ 12 މީޓަރާއި 15 މީޓަރުގެ ދިގު އުޅަނދުފަހަރަށް ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.
އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުއެވެ. މި މަޝްރޫއަކީ އުލިގަމަށް ޒިޔާރަތްކުރާ ޔޮޓްތަކަށް ބޭނުންވާ ހިދުމަތްތައް ފުޅާކޮށް، ރަށުގެ ފަތުރުވެރިކަމަށް އާ ދިރުމެއް ގެނައުމަށް ފެށި މަސައްކަތެކެވެ.